17 ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ. އިތުބާރު ނުހިފޭ މީހާ ދެކެ މީހުން ކުރާނީ ނަފުރަތެވެ.
ރުޅި މަތަ ނުކުރުމަކީ މޮޔަކަމެކެވެ. މީހަކު ތިމާއަށް ކުރި ފުރައްސާރައަކާ އަޅާނުލުމަކީ ބުއްދިވެރިކަމެވެ.
މާތްރަސްކަލާނގެ ރުހިވޮޑިގަންނަވަނީ ހެޔޮމީހުންނަށެވެ. ނުބައިރޭވުންތައް ރާވާ މީހުންދެކެ އެކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ.
ބުއްދިވެރިޔާ ނުރައްކަލަށް ހުށަހޮޅި ނުގަނެވޭތޯ ބަލާނެއެވެ. މޮޔަމީހާ ފަރުވާލެއް ނެތި ނިކަން އަވަހަށް ނުރައްކަލުގެ ތެރެއަށް ބޯ މަހާލާނެއެވެ.
ޖާހިލު މީހާ އަޅާނީ މޮޔަކަމުގެ ހެދުމެވެ. ވިސްނުންތެރިޔާ އަޅާނީ އިލްމުގެ ތާޖެވެ.
ރުޅިމަޑުމީހާގެ ކިބައިގައި ހަމަ ވިސްނުން ހުންނާނެއެވެ. ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ.
ރުޅިގަދަ މީހާ ޒުވާބެއް ފަށައެވެ. މައިތިރި މީހާ އެ ޒުވާބު ފިނި ކުރެއެވެ.
ބާރުގަދަވުމަށް ވުރެން ކެތްތެރިވުން ރަނގަޅެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުން ސަހަރެއް ފަތަޙަ ކުރުމަށް ވުރެން މޮޅެވެ.
ޒުވާބެއްގެ ތެރެއަށް ނުވަނުމަކީ ޝަރަފުވެރިންގެ ސިފައެކެވެ. އަރައިރުން ކުރިއަށް ގެންދާނީ މޮޔައިންނެވެ.
ރުޅިގަދަ މީހުންނާއި ރުޅި އިސްކުރާ މީހުންނާ ގުޅުން ނުބަހައްޓާށެވެ.
ރުޅިއައިސްފައި ހުންނަ މީހާ ތަޅާފޮޅުމެއް ފަށައިގަނެއެވެ. ރުޅި އަވަސް މީހާ ހުރިހާ ބާވަތެއްގެ ފާފައަކަށް އަރައިގަނެއެވެ.
ނުބައިކަންތައް ރާވާ ހިތްތަކާއި ވިޔާނުދާ ކަންތައް ކުރަން ހަލުއިކޮށް ހިނގާ ފައިތަކެވެ.
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވޭ. ހަނދާނުގައި މިކަން ބަހައްޓާށެވެ! އަނެކުންގެ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. ކަލޭމެންގެ ވާހަކަތަކަށް ފަސްޖެހޭށެވެ. ސިނގުރުޅި ނަންނާށެވެ.