25 ހާސްކަމަކީ ހިތަށް އުފުލަންޖެހޭ ބުރައެކެވެ. އޯގާވެރި ބަހަކީ ހިތަށް ލިބޭ ހިތްހަމަޖެހުމެކެވެ.
ވިސްނާ ނުލާ ދޫކޮށްލާ ބަސްތަކުން ވާނީ ޒަޚަމެވެ. ބުއްދިވެރި ބަސްތަކުން ލިބޭނީ ޝިފާއެވެ.
ޞާލިޙު މީހާ އޭނާގެ އަވަށްޓެރިޔާއަށް ހެޔޮ މަގުދައްކައެވެ. ނުބައި މީހާ އެމީހުންނަށް ދައްކާނީ ގެއްލުން ހުރި މަގެވެ.
އެމީހެއްގެ ހިތުގެ ދަތިހާލު އެނގޭނީ އެމީހަކަށެވެ. ތިމާގެ ހިތުގެ އުފާ ތިމާ ނުދަންނަ މީހަކާ ޙިއްސާއެއް ނުކުރެވޭނެއެވެ.
އުފާވެރި ހިތެއް ވާނަމަ މޫނުމަތިން ހިނިތުންވުން ދައްކާނެއެވެ. ހަލާކުވެފައިވާ ހިތަކުން ފެންނާނީ ރޫޙު ގެއްލިފައިވާ ތަނެވެ.
މިސްކީނެއްގެ ކޮންމެ ދުވަހެއް ވާނީ ބިކަ އެވެ. އުފާވެރި ހިތަކަށް ކޮންމެ ދުވަހަކީ ޢީދެކެވެ.
ރަނގަޅު ދަނޑިވަޅުގައި ދޭ ރަނގަޅު ޖަވާބަކުން އެންމެން އުފާކުރުވައެވެ.
އުފާވެރިކަން ފެނިލުމުން ހިތަށް ހިތްގައިމުކަން ލިބެއެވެ. ހެޔޮ ޚަބަރަކުން ސިއްޙަތަށް ފައިދާ ކުރެއެވެ.
ހެޔޮ ބަސްތަކަކީ މާމުއިފަދަ އެއްޗެކެވެ. އެއިން ނަފްސަށް ފޮނިކަން ގެނެސް ދެއެވެ. އަދި ފުރާނައަށް ދުޅަހެޔޮކަން ގެނެސްދެއެވެ.
އުފާވެރި ހިތަކީ ޝިފާއެކެވެ. ހިތާމަވެރިކަމަކީ ރޫޙު ބަލިކަށި ކޮށްލާ ކަމެކެވެ.
ތިމާގެ ކިބައިގައި ރޫޙާއި ޖޯޝް ހުރުމުން ބަލި ހަށިގަނޑަށް ގަދަކަން ލިބެއެވެ. އެކަމަކު ރޫޙު ނެތުމުން ފުރާނައަކަށް އެ ހަށިގަނޑަކު ނުހުރެވެއެވެ.
ރަނގަޅު ވަގުތުގައި ބުނެލާ ހެޔޮ ބަހެއް ރިހި ވަށިގަނޑެއްގައި ހުންނަ ރަން އާފަލުތަކެއް ފަދައެވެ.
މީރުވަސްދުވާ އަތަރަކުން ނުވަތަ މާވަހަރު ފަދައެއްޗެއްގެ ދުމުން ހިތަށް އުފާ ލިއްބައިދެއެވެ. އެފަދައިން ރަޙުމަތްތެރިޔެއްގެ ހެޔޮ ނަސޭހަތް ފުރާނައަށް ހިތްހަމަ ޖެހުން ގެނެސްދެއެވެ.