ޔޫޙަންނާ 1:29 - ކިތާބުލް މުޤައްދަސާ29 ޖެހިގެން އައި ދުވަހު ޔަޙުޔާގެފާނުގެ ގާތަށް އީސާގެފާނު ވަޑައިގަންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވިއެވެ. ”ނިކަން ދެކިބަލަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ އިންސާނުންގެ ފާފަތަކުގެ ބަދަލު ދެއްކުމަށް ކައްފާރާއެއްގެ ގޮތުގައި ޤުރުބާން ކުރެއްވުމަށް ފޮނުއްވި ކަންބަޅި. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.
އެމީހުން އެ އަންހެންމީހާއަށް ބުންޏެވެ. ”ފުރަތަމަ އަހަރެމެން އެކަލޭގެފާނު ގަބޫލުކުރީ ކަލޭ ދެއްކި ވާހަކަތަކުގެ ސަބަބުން. ނަމަވެސް މިހާރު އަހަރެމެން އެކަލޭގެފާނު ގަބޫލުކޮށް އީމާން މިވީ އަހަރެމެންގެ އަމިއްލަ ކަންފަތަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން. މިހާރު އަހަރެމެންނަށް މުޅިން ޔަޤީންވެ އެނގިއްޖެ އެކަލޭގެފާނަކީ ދުނިޔޭގެ މީސްތަކުން ދިންނަވާނެ ކަލޭގެފާނުކަން.“
އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން އަހަރެމެންގެ ބޮލުގައި އެޅިފައިވާ މުސީބާތާއި ކޯފާއިން އީސާ އަލްމަސީޙު އަހަރެމެން ދިންނަވައިފިއެވެ. އެކަލޭގެފާނު ސަލީބަށް ނެގިފައިވީ ހިނދު، އަހަރެމެން ކުރާނެ ނުބައި ކަންތަކުން އަހަރެމެންނަށް ލިބެންވީ މުސީބާތާއި، ކޯފާ، އެކަލޭގެފާނު އިސްތަށިފުޅުގައި އެޅުއްވިއެވެ. އެއީ ހަމަ ވަޙީކުރެއްވިގެންވީ ބަސްފުޅުގައި ލިޔެވިގެންވީ ފަދައިންނެވެ. ”މުޑިއަކަށް މޮހޮރުޖަހާ ނެގިފައިވާ ކޮންމެ މީހަކީ ލަޢުނަތް ލެއްވިފައިވާ މީހެކެވެ.“
އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.
މީގެ މާނައަކީ އެކަލޭގެފާނު ހުރިހާ ގޮތަކުން ވެސް އެކަލޭގެފާނުގެ މީހުންނާ އެއްގޮތްވާން ޖެހިވަޑައިގެންނެވި ކަމެވެ. އެއީ މާތްރަސްކަލާނގެ ހަޒްރަތުގައި އެކަލޭގެފާނަށް އޯގާތެރިކަމާއި އަދި ވަފާތެރިކަމާއެކު އުއްތަމަ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ ގޮތް ވުމަށްޓަކައެވެ. އެއީ އެގޮތުން މީސްތަކުންގެ ފާފަތަކަށް ކައްފާރާއެއް ހުށަހެޅޭނެ ގޮތް މެދުވެރި ވުމަށްޓަކައި ވެސް މެއެވެ.
އެހެންވެ އީސާއަލްމަސީޙު ވެސް އަވަހާރަވެ ވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެފަހަރު އެކަލޭގެފާނު އެތައް ބައެއްގެ ފާފަތަކުގެ ކައްފާރާއަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނު އަލުން އެނބުރި ވަޑައިގަންނަވާނީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއް ދެއްކެވުމަކަށް ނޫނެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ އެކަލޭގެފާނުގެ އިންތިޒާރުގައި ތިބި މީހުންނަށް ދިންނެވުން ގެނެސް ދެއްވުމަށްޓަކައެވެ.
އަލްމަސީޙު އަހަރެމެންގެ ފާފަތަކަށްޓަކައި ވޭން އުފުއްލަވައި އެންމެ ފަހަރަކު އަވަހާރަވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ފާފަވެރިންނަށްޓަކައެވެ. އެއީ ރައްކާތެރިކަމާއެކު މާތްރަސްކަލާނގެ ޙަޟްރަތަށް އަހަރެމެން ގެންގޮސް ދިނުމަށެވެ. އެކަލޭގެފާނު ވޭން އުފުއްލެވީ ޖިސްމާނީ ގޮތުންނެވެ. ނަމަވެސް އެކަލޭގެފާނު އަލުން އަނބުރާ ދިރިދުނިޔެއަށް ވަޑައިގެންނެވުމަށް ފަހު ރޫޙާނީ ޙަޔާތެއްގައި ވިއެވެ.
ޙަޤީޤީ ލޯތްބަކީ މިއީއެވެ. ފަހަރެއްގައި ވެސް އަހަރެމެން މާތްކަލާނގެ އާއިމެދުގައި ލޮބުވެތިކަމާއެކުގައި ވާތީއެއް ނޫނެވެ. އެއީ އެކަލާނގެ އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާތީއެވެ. އަދި މާތްކަލާނގެ އެކަލާނގެ ދަރިކަލުން މިދުނިޔެއަށް ފޮނުއްވައި އެ ކަލޭގެފާނު ޤުރުބާންވެ ވަޑައިގެންނެވުމުގެ ސަބަބުން އަހަރެމެންގެ ފާފަތައް ވަނީ އަފޫކޮށްދެއްވާފައި އެވެ.
އެއަށް ފަހު، އަހަރެން ބަލާލީމެވެ. އަދި ޞިޙްޔޫނު ފަރުބަދައިގައި ޤުރުބާން ކުރެވުނު ޅަކަންބަޅި ކޮއްޅަށް ހުއްޓައި އަހަރެން ދުށީމެވެ. އެކަލޭގެފާނާއި އެކުގައި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުން ވިއެވެ. އަދި އެބައިމީހުންގެ ނިތްކުރިތަކުގައި އެކަލޭގެފާނުގެ ނަންފުޅާއި، އަދި އެކަލޭގެފާނުގެ މަތިވެރި ބައްޕާފުޅުގެ ނަންފުޅު ލިޔެވިގެން ވެއެވެ.
އެބައިމީހުންނީ އެބައިމީހުންގެ މުޅި ނަފްސުތައް ތާހިރުކޮށް ބެހެއްޓި ފަރާތްތަކެވެ. އެބައިމީހުން އަންހެނުންނާއި އެކުގައި ޖިންސީގުޅުމެއް ނުހިންގައެވެ. އެބައިމީހުންނީ ބިކުރުވެރި ބައެކެވެ. ޅަކަންބަޅި ދާ ކޮންމެ ތަނެއް އެބައިމީހުން ބަލައި އެކަލޭގެފާނަށް ތަބަޢަވެގެންވިއެވެ. މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ ދުނިޔޭގައި ތިބި މީސްތަކުންގެ ތެރެއިން ފިދުޔަ ދެވިފައިވާ މީސްތަކުންނެވެ. އެހެނީ އެއީ މާތްރަސްކަލާނގެ ކިބަފުޅަށާއި ޅަކަންބަޅިއަށް އެންމެ ފުރަތަމަ ހުށަހެޅުނު ފަރާތްތައް ވެސް މެއެވެ.
އަދި މާތްރަސްކަލާނގެ ޚާދިމު މޫސާގެފާނު ވިދާޅުވި ޙަމްދު ސަނާގެ ލަވަ އެބައިމީހުން މިފަދައިން ކިޔަމުން ދިޔައެވެ. އަދި މި ލަވައަކީ ޅަކަންބަޅީގެ ވެސް ލަވައެވެ. ”ސާހިބުވަންތަ މާތްރަސްކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާނގެ. އިނބަރަސްކަލާނގެ މަތިވެރި އަމަލުފުޅުތައް ނުހަނު އަޖައިބު ކުރުވާ! އިނބަރަސްކަލާނގެއީ އެންމެހާ ޤައުމުތަކެއްގެ ރަސްގެފާނުމެ. އަދި އިނބަރަސްކަލާނގެ އަބަދުވެސް އިންސާފު ކުރައްވަނީ ޢަދުލުވެރި ކަމާއި ތެދުވެރިކަމާއެކުގައި ވެސްމެ.
ޅަކަންބަޅި އާއި ދެކޮޅަށް އެބައިމީހުން ހަނގުރާމަ ކުރާނެ. ނަމަވެސް އެބައިމީހުންގެ މައްޗަށް ޅަކަންބަޅި ފަތަޙަ ހޯއްދަވާނެ. ސަބަބަކީ އެކަލޭގެފާނީ ސާހިބުންގެ ސާހިބާ. އަދި ރަސްރަސްކަލުންގެ ރަސްގެފާނު ވެސްމެ. އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ފަތަޙަ ހޯއްދަވާނީ އެކަލޭގެފާނު ގޮވާ ޚިޔާރު ކުރެއްވި އެކަލާނގެ ކިބަފުޅަށް ތެދުވެރިވި މީސްތަކުންނާއި އެކުގައި ވެސްމެ.“
އެއަށް ފަހު ދިރިހުރި ހަތަރު މަޚުލޫގުންނާއި އަދި ބޮޑުން ތަޚުތުގެ ވަށައިގެން ތިބި ހިނދު ތަޚުތުގެ މެދުގައި ޅަކަންބަޅިއެއް ކޮއްޅަށް ހުރި ތަން އަހަރެން ދުށީމެވެ. އެކަންބަޅި ހީވަނީ އެއްފަހަރު ކަތިލެވިފައިވާ ޅަކަންބަޅިއެއް ހެންނެވެ. އޭގައި ހަތް ދަޅާއި، ހަތް ލޯ ހުއްޓެވެ. މި ހަތް ދަޅާއި ލޮލަކީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅެވެ. އަދި މި ރޫޙުފުޅުތައް މުޅި ދުނިޔެއަށް ފޮނުއްވުނެވެ.
އަހަރެން ޖަވާބު ދެއްވީމެވެ. ”ސާހިބާ! އަޅުގަނޑަކަށް ނޭނގޭ. ތިބާ ބުނެދެއްވާ.“ އެބޭކަލަކު އަހަރެންނަށް ވިދާޅުވިއެވެ. ”އެބައިމީހުންނީ އެބައިމީހުންނަށް ދިމާވި ބޮޑެތި ކާރިސާއިން ސަލާމަތް ވެގެން އައިސް ތިބި ބައެއް. އެބައިމީހުންގެ ރިދާތައް އެބައިމީހުން ދޮވުނު. އަދި ޅަކަންބަޅީގެ ލެއިން އެތަކެތި ވަނީ ހުދު ކުރެވިފަ.