ޔާމިޒުގެ ސިޓީ 1:27 - ކިތާބުލް މުޤައްދަސާ27 މާތްރަސްކަލާނގެ މަތިވެރި ބައްޕާފުޅުގެ ޙަޟްރަތުގައި ސާފު އަދި ސައްޙަ ދީނަކީ މުހުތާދެއްގައިވާ ޔަތީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވެ އަޅާލުމާއި އަދި ދުނިޔަވީ ނުތާހިރުކަމުން ސަލާމަތް ވެގެން ވުމެވެ. အခန်းကိုကြည့်ပါ။ |
މިހެންކަމުން އެނގި ހާމަވަނީ އެއްވެސް މީހަކަށް އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކަންތައް ކޮށްގެން މާތްރަސްކަލާނގެ ކުރިފުޅުމަތީ ރަނގަޅު މީހަކަށް ނުވެވޭނެކަމެވެ. އެއީ ލިޔެވިގެން ވެއެވެ. ”ދިރިތިބޭނީ ހަމައެކަނި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އީމާން ވުމުގެ ސަބަބުން އެކަލާނގެ ރުއްސެވުން ލިބޭ މީހުންނެވެ.“
އަދި އަހަރެމެން އީސާގެފާނަށް އީމާންވުމުން، އަހަރެމެންނަކީ، ޚިތާނު ކުރެވިފައި، ނުވަތަ ނުކުރެވިވާ ބަޔަކުތޯއެއް މާތްރަސްކަލާނގެ ނުބައްލަވައެވެ. އެއީއަކީ އެކަލާނގެ ކިބަފުޅަށް އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ކަލޭމެން މީހުންދެކެ ވާލޯބީގެ ސަބަބުން، ކަލޭމެންގެ ކިބައިގައިވާ އީމާންތެރިކަން، ފާޅުވެ އެނގި ފެނިގެން ދިއުމެވެ.
އަހަރެން އެފަދަ ދެއްކުންތެރި ކަމެއް ކުރުމަކަށް ދުވަހަކު ވެސް މާތްރަސްކަލާނގެ ނުހިންމަވާށިއެވެ. އެއީ އަހަރެން ބަލައިގަންނަހާ ވެސް ކަމަކީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ސަލީބުގައި ވެވަޑައިގެންނެވި އަވަހާރަ ވުމެވެ. އެ އަވަހާރަ ވުމުގެ ސަބަބުން މިދުނިޔޭގެ މައްޗަށް އަހަރެންގެ ކިބައިގައި އޮތްހާ އެދުމެއް މަރުވެ ނެތިވެ ހިނގައްޖެއެވެ. އަދި މިދުނިޔެ އަހަރެންގެ ކިބައަކުން ވެސް އެދޭ އެދުމެއް ނުވެއެވެ.
އެހެނަސް މިފަދަ އަންހެނުންގެ ދަރިންނާއި މާމަ ދަރިން ތިބި ކަމުގައިވާނަމަ އެކުދިންގެ ފުރަތަމަ ޒިންމާއަކަށް ވާންޖެހޭނީ ދީނީ މަސްއޫލިއްޔަތު އުފުލުމުގެ އިތުރުން އާއިލާ ބަލަހައްޓައި އެމީހުންނަށް ދޭންޖެހޭ އަގު އަދާކުރުމެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތްރަސްކަލާނގެ އެންމެ އެދެވޮޑިގެންވާ ގޮތްމެއެވެ.
ނަމަވެސް މާތްރަސްކަލާނގެ ދެއްވާ ޙިކުމަތްތެރިކަން ލިބިގެންވާ ފަރާތްތައް ވާނީ ހެޔޮ ގޮތުގައި ތާހިރުވެގެންނެވެ. އެބައިމީހުން އަނެކުންނާއެކު ސުލްޙަވެރިކަން މަތީ ޙަޔާތު ވޭތުކުރެއެވެ. އެބައިމީހުންނީ ހިތްތިރި ބައެކެވެ. ކެތްތެރި ކަމުގައިވެ އަނެކުންގެ ވާހަކަތައް އެހުމުގައިވެއެވެ. އެބައިމީހުންނީ އޯގާތެރި ކަމާއި އެހީތެރިކަމުގައިވާ ބައެއް ވެސްމެއެވެ. އެއްބަޔަކަށް ވުރެން އަނެއްބަޔަކަށް އެބައިމީހުން އިސްކަމެއް ނުދެއެވެ. އެބައިމީހުންނީ ދެފުށް ދެގޮތް ބައެއް ވެސް ނުމެނޫންމެއެވެ.
ނަމަވެސް އަހަރެމެންގެ ބައްޕާފުޅު ސާހިބުވަންތަ ރަސްކަލާނގެއަށް ޙަމްދު ތަޢުރީފު ކުރުމުގައި އަހަރެމެން ދުލުގެ ބޭނުން ކުރަމެވެ. އަދި މީސްތަކުންނަށް ބަދުދުޢާ ކުރުމުގައި ވެސް ހަމަ އަހަރެމެން އެ ދުލުގެ ބޭނުން ކުރަމުއެވެ. އެހެނަސް އިންސާނުންނަކީ މާތްރަސްކަލާނގެ ސިފަފުޅާއި އެއްފަދައިން ޚަލްޤުކުރެވިގެންވާ ބައެކެވެ.
އޭ ބޭވަފާތެރިންނޭވެ! މާތްރަސްކަލާނގެ އާއި އެކަލާނގެ އެންގެވި މަގުން އުޅެމުން ނުދާ ދުނިޔެވީ އުފަލަށް ލޯބިކުރާ މީހުން ފަދައިން ކަލޭމެން ވެސް ޙަޔާތު ވޭތުކުރުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައެވެ. މި ދުނިޔަވީ އުސޫލުތަކުގައި ކަލޭމެން ޝާމިލުވުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައި ވެސްމެއެވެ.
މިގޮތުގެ މަތީން އެކަލާނގެ އަހަރެމެންނަށް ވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވިފަދައިން އަގުހުރި ހަދިޔާތަކެއް ދެއްވާފައެވެ. އެއީ މިހަދިޔާތަކުގެ އެހީގައި ދުނިޔޭގައިވާ ފާހިޝް ފަނާކުރަނިވި އެދުންތަކުން ތިޔަބައިމީހުން ސަލާމަތްވާނެ ފަދައިން ވުމަށެވެ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އިލާހީ ފިތުރަތުގައި ޙިއްސާވާނެ ހެން ވުމަށް ވެސް މެއެވެ.
އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙާއި މެދު އުނގެނި ގަތުމުން ދުނިޔޭގެ ނުބައި ނުލަފާ ގޮތްތަކުން އެބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދެއެވެ. ނަމަވެސް އެބައިމީހުން ފާޙިޝް އަމަލުތަކުގެ ތެރެއަށް ދިއުމުން އެކަންތަކުގެ ޝިކާރައިގައި ޖެހި ހަލާކުވެ އިހުނަށް ވުރެން ގޯސް ހާލަތަކަށް ހިނގައިދާނެއެވެ.