ޢިބްރާނީންނަށް ސިޓީ 9:28 - ކިތާބުލް މުޤައްދަސާ28 އެހެންވެ އީސާއަލްމަސީޙު ވެސް އަވަހާރަވެ ވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެފަހަރު އެކަލޭގެފާނު އެތައް ބައެއްގެ ފާފަތަކުގެ ކައްފާރާއަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނު އަލުން އެނބުރި ވަޑައިގަންނަވާނީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއް ދެއްކެވުމަކަށް ނޫނެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ އެކަލޭގެފާނުގެ އިންތިޒާރުގައި ތިބި މީހުންނަށް ދިންނެވުން ގެނެސް ދެއްވުމަށްޓަކައެވެ. အခန်းကိုကြည့်ပါ။ |
އަދި އެކަލާނގެ ދަރިކަލުން ސުވަރުގެއިން އެނބުރި ވަޑައިގަންނަވާނޭ ދުވަހެއްގެ އިންތިޒާރުގައި ތިޔަބައިމީހުން ތިބި ކަމުގައި ވެސް އެބައިމީހުން އަހަރެމެންނަށް ބުނެދިނެވެ. އީސާގެފާނީ އަވަހާރަވެވަޑައިގެންނެވުމަށް ފަހު މާތްރަސްކަލާނގެ އަލުން ދިރުއްވި ކަލޭގެފާނެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅުން އަންނަން އޮތް ކޯފާއިން އަހަރެމެން ސަލާމަތް ކޮށްދެއްވަން ފޮނުއްވި ފަރާތް ވެސްމެއެވެ.
މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.
މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.
އެހެންކަމުން އެކަލޭގެފާނަކީ އެހެން ހުރިހާ އިމާމުންނަށް ވުރެން މަތިވެރި އިމާމެކެވެ. އެހެން އިމާމުން ފަދައިން، ކޮންމެ ދުވަހަކު ފުރަތަމަ އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ކުށްފާފައިގެ ކައްފާރާ ދައްކައި، އޭގެފަހުން އެހެން މީހުންގެ މައްޗަށް ކައްފާރާ ދައްކާކަށް އެކަލޭގެފާނަކަށް ޖެހިވަޑައެއް ނުގަންނަވެއެވެ. އެހެނީ އެކަލޭގެފާނު ވަނީ އެހެން މީހުންގެ ކުށްފާފަތަކަށް ފުރިހަމަ ކައްފާރާއެއް ދައްކަވާފައެވެ. އެކައްފާރާއަކީ އެއްފަހަރު ދައްކަވައިގެން ހުރިހާ ފަހަރަކަށް ފުދޭނެ ފަދައިން އެކަލޭގެފާނުގެ އަމިއްލަފުޅު ނަފްސުން ހުށަހެޅުއްވި ޤުރުބާނީއެކެވެ.
އަލްމަސީޙު އަހަރެމެންގެ ފާފަތަކަށްޓަކައި ވޭން އުފުއްލަވައި އެންމެ ފަހަރަކު އަވަހާރަވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ފާފަވެރިންނަށްޓަކައެވެ. އެއީ ރައްކާތެރިކަމާއެކު މާތްރަސްކަލާނގެ ޙަޟްރަތަށް އަހަރެމެން ގެންގޮސް ދިނުމަށެވެ. އެކަލޭގެފާނު ވޭން އުފުއްލެވީ ޖިސްމާނީ ގޮތުންނެވެ. ނަމަވެސް އެކަލޭގެފާނު އަލުން އަނބުރާ ދިރިދުނިޔެއަށް ވަޑައިގެންނެވުމަށް ފަހު ރޫޙާނީ ޙަޔާތެއްގައި ވިއެވެ.
އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! މިހާރު އަހަރެމެންނީ މާތްރަސްކަލާނގެ ދަރިންނެވެ. ފަހުން އަލްމަސީޙު މި ދުނިޔެއަށް އެނބުރި ވަޑައިގަންނަވާ ހިނދު އަހަރެމެން ދެން ވާނީ ކޮންފަދަ ބަޔަކަށް ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. ނަމަވެސް ޔަޤީންކަމާއެކު އަހަރެމެންނަށް އެނގެނީ އަލްމަސީޙު އެނބުރި މި ދުނިޔެއަށް ވަޑައިގެންނެވުމުން އަހަރެމެން އެކަލޭގެފާނާ އެއްގޮތް ވާނޭ ކަމެވެ. ސަބަބަކީ އަހަރެމެންނަށް އެކަލޭގެފާނުގެ އަސްލު ޒާތުފުޅު އޭރުން ސާފުކޮށް ފެންނާނެތީއެވެ.
ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.