ޢިބްރާނީންނަށް ސިޓީ 9:26 - ކިތާބުލް މުޤައްދަސާ26 އެކަން އޮތީ އެ ގޮތަށް ނަމަ ދުނިޔެ އުފެއްދެވީއްސުރެން އަހަރަކު އެއްފަހަރު އެކަލޭގެފާނުގެ ލޭފޮދު އޮއްސަވަން ޖެހުނީސް ނޫންހެވެ؟ އެކަމަކު މިހާރު އެންމެ ފަހަރަކު އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތުމުގެ ސަބަބުން ދުނިޔެ ނިމެންދެން ވެސް މީސްތަކުންގެ ފާފަތައް ފުހެވިގެން ދާނެ ގޮތް މިވަނީ މެދުވެރިވެފައެވެ. အခန်းကိုကြည့်ပါ။ |
ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައި ވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި.
އަލްމަސީޙަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ.
އަރާމުގެ މަންޒިލަށް ވަދެވޭނީ އީމާންކަން މަތީ ތިބި އަހަރެމެންނަށެވެ. އެނޫން މީހުންނާމެދު މާތްރަސްކަލާނގެ ވަޙީކުރެއްވީ މިހެންނެވެ. ”އެހެންވެ ތިމަންކަލާނގެ ކޯފާވެގެން މިހެން ހުވާކުރެއްވީމެވެ. ’އެމީހުން ތިމަންކަލާނގެ އަރާމުގެ މަންޒިލަކަށް ނުވައްދާނަމެވެ.‘“ މާތްރަސްކަލާނގެ މިހެން ވަޙީކުރެއްވީ، ދުނިޔެ އުފެއްދެވީއްސުރެން އެ މަންޒިލް ތައްޔާރު ކުރެވިފައި ވަނިކޮށެވެ.
އެހެންކަމުން އެކަލޭގެފާނަކީ އެހެން ހުރިހާ އިމާމުންނަށް ވުރެން މަތިވެރި އިމާމެކެވެ. އެހެން އިމާމުން ފަދައިން، ކޮންމެ ދުވަހަކު ފުރަތަމަ އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ކުށްފާފައިގެ ކައްފާރާ ދައްކައި، އޭގެފަހުން އެހެން މީހުންގެ މައްޗަށް ކައްފާރާ ދައްކާކަށް އެކަލޭގެފާނަކަށް ޖެހިވަޑައެއް ނުގަންނަވެއެވެ. އެހެނީ އެކަލޭގެފާނު ވަނީ އެހެން މީހުންގެ ކުށްފާފަތަކަށް ފުރިހަމަ ކައްފާރާއެއް ދައްކަވާފައެވެ. އެކައްފާރާއަކީ އެއްފަހަރު ދައްކަވައިގެން ހުރިހާ ފަހަރަކަށް ފުދޭނެ ފަދައިން އެކަލޭގެފާނުގެ އަމިއްލަފުޅު ނަފްސުން ހުށަހެޅުއްވި ޤުރުބާނީއެކެވެ.
އެކަމަކު އީސާގެފާނަކީ އެއްވެސް އުނިކަމެއް ފާފައެއް ނުވާ ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ދާއިމީ ރޫޙުފުޅުން މާތްރަސްކަލާނގެއަށް މާފުރިހަމަ ޤުރުބާނީއެއް ވެދުން ކުރައްވާފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުން އެ އޮހުރުނު ލޭފޮދުގެ ބާރުފުޅު ގަދައީ އެހެންވެއެވެ. އަހަރެމެން މަރާ ދިމާއަށް ދާންޖެހޭ ފަދަ ކަންތަކުން އަހަރެމެންގެ ޒަމީރުތައް ސާފުވެ، ދިރިދެމި ވޮޑިގެންވާ ކަލާނގެއަށް އަޅުކަން ކުރުން މަތީގައި މިއަދު ދެމިތިބެވޭނެ ގޮތް މެދުވެރިވެފައި މިވަނީ ވެސް އެހެންވެއެވެ.
ދުނިޔެ އުފެއްދުވުމުގެ އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެކަލޭގެފާނު ޚިޔާރު ކުރެއްވީ މި މަގުސަދަށްޓަކައެވެ. ނަމަވެސް މިފަހަކަށް އައިސް މީސްތަކުންނަށް ފެނިދެނިވި ގޮތެއްގައި އެކަލޭގެފާނު ވަނީ މި ދުނިޔެއަށް ވަޑައިގަންނަވާފައެވެ. އަދި އެކަލޭގެފާނު މިފަދައިން އަމަލު ކުރެއްވީ ތިޔަބައި މީހުންނަށްޓަކައެވެ.
އަލްމަސީޙު އަހަރެމެންގެ ފާފަތަކަށްޓަކައި ވޭން އުފުއްލަވައި އެންމެ ފަހަރަކު އަވަހާރަވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ފާފަވެރިންނަށްޓަކައެވެ. އެއީ ރައްކާތެރިކަމާއެކު މާތްރަސްކަލާނގެ ޙަޟްރަތަށް އަހަރެމެން ގެންގޮސް ދިނުމަށެވެ. އެކަލޭގެފާނު ވޭން އުފުއްލެވީ ޖިސްމާނީ ގޮތުންނެވެ. ނަމަވެސް އެކަލޭގެފާނު އަލުން އަނބުރާ ދިރިދުނިޔެއަށް ވަޑައިގެންނެވުމަށް ފަހު ރޫޙާނީ ޙަޔާތެއްގައި ވިއެވެ.
ތިބާއަށް މިހާރު ތިޔަ ފެންނަ ދާއްބައަކީ އެއްއިރެއްގައި ދިރިއުޅެފައިވާ، އެކަމަކު މިހާރު ދިރިނޫޅޭ އެއްޗެއް. އޭތި ފޫނެތް ފުން ވަޅުގަނޑުން އަލުން ނުކުމެގެން އަންނާނެ. އެކަމަކު އޭތި ނައްތާލެވޭނެ. ބިންމަތީގައި ތިބި އެބައެއްގެ ނަންތައް ޙަޔާތުގެ ފޮތުގައި ލިޔެވިފައި ނުވާ މީހުންނަށް، މިއީ ހައިރާންވާ ވަރުގެ ކަމެއް. އެހެނީ އެފޮތުގައި ލިޔެވިފައިވާ ނަންތަކަކީ ޚަލްޤު ކުރެއްވުމުގެ މާކުރީގައިވެސް ލިޔެވިފައިވާ ނަންތަކެއް. އެމީހުން ހައިރާންވަނީ އެއް އިރެއްގައި ދިރި އުޅެފައިވާ، އެކަމަކު މިހާރު ދިރި ނޫޅޭ ދާއްބައެއް އަލުން ދިރިގެން އަންނަތަން ފެނުމުން.