ޢިބްރާނީންނަށް ސިޓީ 4:12 - ކިތާބުލް މުޤައްދަސާ12 މާތްރަސްކަލާނގެ ބަސްފުޅު އަދިވެސް ދިރި އެބައޮތެވެ. ބާރުފުޅު ވެސް ގަދައެވެ. އެ ބަސްފުޅު ދެމިޔަލީ ކަނޑިޔަކަށް ވުރެން ވެސް ތޫނެވެ. އެ ކަނޑިން އަހަރެމެންގެ ހުޅުތަކާއި ކަށީގެ މަދާއި ފުރާނައާއި ރޫޙު ގުޅޭ ހިސާބު ކަނޑައި ވަކިކޮށްލައެވެ. އަދި އަހަރެމެންގެ ހިތްތަކުގެ ފުންމިނުގައިވާ ޚިޔާލުތަކާ އެދުންތަކާ މެދު ވެސް އިންސާފު ގާއިމު ކުރެއެވެ. အခန်းကိုကြည့်ပါ။ |
އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ.
މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ.
އެއީ ތިޔަބައިމީހުން އަލުން އުފަންވެފައި ވުމެވެ. މި އާ އުފަންކުރެއްވުން ތިޔަބައިމީހުންނަށް ގެނެސްދިނީ ތިޔަބައިމީހުންގެ ދުނިޔަވީ މައިންބަފައިންނެއް ނޫނެވެ. ސަބަބަކީ ތިޔަބައިމީހުންގެ މައިންބަފައިން ދޭ ޙަޔާތަކީ ފަނާވެދާ ޙަޔާތެއް ކަމުގައިވުމެވެ. ނަމަވެސް މި އާ ޙަޔާތް އަބަދަށް ދެމިގެންވެއެވެ. ސަބަބަކީ ތިޔަބައިމީހުންނަށް އެ ޙަޔާތް ލިބިދިނީ ދާއިމަށް ދެމިގެންދާނެ މާތްކަލާނގެ ބަސްފުޅުން ކަމުގައިވުމެވެ.
އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ.
އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.
އެއަށް ފަހު، ތަޚުތުތަކެއް އަހަރެން ދުށީމެވެ. އަދި އެ ތަޚުތުތަކުގައި އިށީނދެވަޑައިގެން ތިއްބެވި ފަރާތްތަކަށް އިންސާފު ކުރެއްވުމުގެ ބާރު ލިބިދެއްވާފައި ވެއެވެ. އީސާގެފާނާއި މެދު އަންގައިދީ މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވުމުގެ ސަބަބުން ބޯ ކަނޑާލެވިފައިވާ މީސްތަކުންގެ ފުރާނަތައް ވެސް އަހަރެން ދުށީމެވެ. އަދި އެބައިމީހުންނީ ކަނޑު ދާއްބަ އާއި އޭތީގެ ސޫރައަށް އަޅުކަން ނުކުރި މީހުންނެވެ. އަދި އެބައިމީހުންނީ އޭނާގެ ނިޝާން އެބައިމީހުންގެ ނިތްކުރީގައި ނޫނީ އެބައިމީހުންގެ އަތުގައި ޖެހުމަށް އިންކާރުކުރި މީހުންނެވެ. އެބައިމީހުންނަށް ދިރުން ލިބިދޭނެއެވެ. އަދި އަލްމަސީޙާއި އެކުގައި އެއްހާސް އަހަރު ވަންދެން ވެރިކަންކުރާނެއެވެ.