ޢިބްރާނީންނަށް ސިޓީ 10:12 - ކިތާބުލް މުޤައްދަސާ12 އެކަމަކު އަހަރެމެންގެ އުއްތަމަ އިމާމު ވެވަޑައިގެންނެވި ޤުރުބާނީއަކީ ހުރިހާ އިރަކަށް ފުދޭވަރުގެ ޤުރުބާނީއެކެވެ. އޭގެ ފަހުން އެކަލޭގެފާނު އިށީނދެވަޑައިގެން އެ އިންނެވީ މާތްރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ. အခန်းကိုကြည့်ပါ။ |
އަލްމަސީޙަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ.
އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.
އެހެންކަމުން އެކަލޭގެފާނަކީ އެހެން ހުރިހާ އިމާމުންނަށް ވުރެން މަތިވެރި އިމާމެކެވެ. އެހެން އިމާމުން ފަދައިން، ކޮންމެ ދުވަހަކު ފުރަތަމަ އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ކުށްފާފައިގެ ކައްފާރާ ދައްކައި، އޭގެފަހުން އެހެން މީހުންގެ މައްޗަށް ކައްފާރާ ދައްކާކަށް އެކަލޭގެފާނަކަށް ޖެހިވަޑައެއް ނުގަންނަވެއެވެ. އެހެނީ އެކަލޭގެފާނު ވަނީ އެހެން މީހުންގެ ކުށްފާފަތަކަށް ފުރިހަމަ ކައްފާރާއެއް ދައްކަވާފައެވެ. އެކައްފާރާއަކީ އެއްފަހަރު ދައްކަވައިގެން ހުރިހާ ފަހަރަކަށް ފުދޭނެ ފަދައިން އެކަލޭގެފާނުގެ އަމިއްލަފުޅު ނަފްސުން ހުށަހެޅުއްވި ޤުރުބާނީއެކެވެ.
އެކަމަކު އީސާގެފާނަކީ އެއްވެސް އުނިކަމެއް ފާފައެއް ނުވާ ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ދާއިމީ ރޫޙުފުޅުން މާތްރަސްކަލާނގެއަށް މާފުރިހަމަ ޤުރުބާނީއެއް ވެދުން ކުރައްވާފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުން އެ އޮހުރުނު ލޭފޮދުގެ ބާރުފުޅު ގަދައީ އެހެންވެއެވެ. އަހަރެމެން މަރާ ދިމާއަށް ދާންޖެހޭ ފަދަ ކަންތަކުން އަހަރެމެންގެ ޒަމީރުތައް ސާފުވެ، ދިރިދެމި ވޮޑިގެންވާ ކަލާނގެއަށް އަޅުކަން ކުރުން މަތީގައި މިއަދު ދެމިތިބެވޭނެ ގޮތް މެދުވެރިވެފައި މިވަނީ ވެސް އެހެންވެއެވެ.