ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:4 - ކިތާބުލް މުޤައްދަސާ4 އަދި ކީތް ހެއްޔެވެ؟ އެތާ އަހަރެމެންގެ ތެރޭގައި ތިބި ވަކި ބަޔަކު އެކަމާއި ގަދައަޅާ ވާހަކަ ނުދެއްކިނަމަ އެވާހަކަ ނުވެސް ދެއްކުނީހެވެ. އެމީހުންނަކީ އީސާގެފާނަށް އީމާންވެގެން ތިބި ކަމަށް ހެދިގެން އަހަރެމެންނަށް ފާރަލުމަށް އުޅުނު ބަޔެކެވެ. އެމީހުންގެ ބޭނުމަކީ އީސާ އަލްމަސީޙުގެ ސަބަބުން އަހަރެމެންނަށް ލިބިފައިވާ މިނިވަންކަން އަހަރެމެން އަތުން އަތުލައި އަހަރެމެން ދީނުގެ ގަވާއިދުތަކުގެ އަޅުންނަށް ހެދުމެވެ. အခန်းကိုကြည့်ပါ။ |
ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުގައި ވަނިކޮށް ޖުދެއާއިން ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ ބަޔަކު އެ ރަށަށް އައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގާތުގައި މިމީހުން ބުންޏެވެ. ”މޫސާގެފާނަށް މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ޚިތާނު ނުކުރެވޭ މީހުންނަކަށް ދިންނެވުމެއް ނުލިބޭނެ.“
އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އަހަރެމެންގެ ތެރެއިން ބަޔަކު ތިޔަބައިމީހުންގެ ގާތަށް ގޮސް އެމީހުންގެ ބަސްތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އުނދަގުލާއި ހާސްކަން ލިބިއްޖެއެވެ. ނަމަވެސް އެމީހުން އެއީ އަހަރެމެން ފޮނުވައިގެން ތިޔަބައިމީހުންގެ ގާތަށް ދިޔަ ބަޔެއް ނޫނެވެ. އަދި އެމީހުން އެކަން ކުރީކީ ވެސް އަހަރެމެން ރުހޭގޮތަކަށް ނޫނެވެ.
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކު އުނގަންނައިދޭ ތަކެއްޗަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެހީތެރިކަމުން އުނގަންނައިދޭ ތަކެތި ކަމުގައި ބުނެ ދަޢުވާ ކުރި ކަމުގައިވިޔަސް ގަބޫލު ނުކުރާށެވެ. އެއާ ޚިލާފަށް އެމީހަކު ބުނާ އެއްޗަކަށް ސަމާލުވެ ތިބެ އިމްތިޙާނު ކުރާށެވެ. އޭރުން އެފަދަ މީހެއްގެ އުނގަންނައި ދިނުމަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން އުނގަންނައިދޭ ތަކެތި ކަން ތިޔަބައިމީހުންނަށް ޔަޤީންވާނެއެވެ. ސަބަބަކީ ދުނިޔޭގެ އެކިކަންކޮޅަށް އެތަކެއް ދޮގު ނަބިއްޔުން ގޮސް ދެމުން ގެންދާ ޚަބަރަކީ މާތްރަސްކަލާނގެ ވަޙީބަސްފުޅުކަމުގައި އެމީހުން ދައުވާ ކުރަމުން ގެންދާނެ ކަމެވެ.
އަހަރެން މިފަދައިން ބުނަން ޖެހުނު ސަބަބަކީ ދީނެއް ނެތް ބަޔަކު ތިޔަބައިމީހުންގެ ތެރެއަށް ކަތުރުފަނިތަކެއް ހެން ވަދެގަނެ އެކަލޭގެފާނު އެންގެވި ހެޔޮޚަބަރުފުޅު އޮޅުވާލަމުން ގެންދާތީއެވެ. އެބައިމީހުން ބުނަމުން ދަނީ އަހަރެމެން ނުބައިނުލަފާ ގޮތްގޮތަށް އުޅުނަކަސް މާތްކަލާނގެ މަތިވެރި ނިޢުމަތްފުޅުން އަހަރެމެން ކުށްވެރި ނުކުރައްވާނެ ކަމަށެވެ. އެމީހުން ވަނީ އަހަރެމެންގެ ސާހިބާ އީސާ އަލްމަސީޙު ދޮގުކޮށްފައެވެ. މިފަދަ މީހުންނަށް ހުރި ޢުޤޫބާތުގެ ވާހަކަ މީގެ އެތައް ޒަމާނެއްގެ ކުރީގައި ވެސް ފަތްފުށްތަކުގައި ލިޔެވިފައިވެއެވެ.