ގަލާތިޔާގެ މަސީޙީންނަށް ސިޓީ 1:4 - ކިތާބުލް މުޤައްދަސާ4 އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތީ އަހަރެމެންގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުންނެވެ. އެއީ ޒަމާނުގައި އެކުލެވޭ ފާހިޝް ކަންތަކުން މީސްތަކުން ސަލާމަތް ކޮށް ދެއްވުމަށް އުޑުގައި ވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ، ރާއްވަވާފައިވާ ގޮތުގެ މަތިންނެވެ. အခန်းကိုကြည့်ပါ။ |
އަހަރެން އަމިއްލައަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އަހަރެން ކަންތައްކުރަނީ އަހަރެންނަށް އެންގެވުނު ފަދައިން. އެހެން ކަމުން އަހަރެންގެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް. އަހަރެން އެއްކަމެއް ވެސް އަހަރެންގެ އަމިއްލަ އުފަލަކަށްޓަކައެއް ނުކުރަން. އަހަރެން ކުރަނީ އަހަރެން ފޮނުއްވި ފަރާތުގެ އުފަލަށްޓަކައި ކުރާ ކަންތައް.“
މިހާރު އަހަންނަކީ ކުރީގައި އުޅުނު މީހާއެއް ނޫން. އަހަރެންގެ ކިބައިގައި ދިރި މިވަނީ އީސާގެފާނު. އަހަރެން މިދިރިއުޅެނީ އެކަލޭގެފާނުގެ މައްޗަށް އޮތް އީމާންކަމެއްގެ ބާރުގައި. އެ ދިރިހުރުމަކީ އަހަރެން ދެކެ ނުހަނު ލޯބިފުޅުވާ މާތްކަލާނގެ ދަރިކަލުން އަހަންނަށްޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ޤުރުބާން ކުރައްވައިގެން ދެއްވި ދިރިހުރުމެއް.
އަހަރެން އެފަދަ ދެއްކުންތެރި ކަމެއް ކުރުމަކަށް ދުވަހަކު ވެސް މާތްރަސްކަލާނގެ ނުހިންމަވާށިއެވެ. އެއީ އަހަރެން ބަލައިގަންނަހާ ވެސް ކަމަކީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ސަލީބުގައި ވެވަޑައިގެންނެވި އަވަހާރަ ވުމެވެ. އެ އަވަހާރަ ވުމުގެ ސަބަބުން މިދުނިޔޭގެ މައްޗަށް އަހަރެންގެ ކިބައިގައި އޮތްހާ އެދުމެއް މަރުވެ ނެތިވެ ހިނގައްޖެއެވެ. އަދި މިދުނިޔެ އަހަރެންގެ ކިބައަކުން ވެސް އެދޭ އެދުމެއް ނުވެއެވެ.
އަލްމަސީޙަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ.
މާތްރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ކިބަފުޅަށް ތަކުރާރުކޮށް އަހަރެމެން ދުޢާ ދަންނަވާއިރު ތިޔަބައިމީހުންގެ އީމާންތެރިކަން އަމަލީ ގޮތުން ދައްކައި ދިން ގޮތުގެ ވާހަކަ އަހަރެމެން ހިމަނާނަމެވެ. އަދި ތިޔަބައިމީހުން އެހާ ބުރަމަސައްކަތެއް ކުރީ ތިޔަބައިމީހުންގެ ހިތުގައިވާ މަތިވެރި ލޯބިން ކަން ވެސް ދަންނަވާނަމެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި މާތްސާހިބާ އީސާ އަލްމަސީޙާ މެދު އޮތް ވަރުގަދަ އުންމީދުގެ ވާހަކަވެސް އެކުލަވާނަމެވެ.
އަހަރެމެންގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ އަހަރެމެންދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ނިމުމެއް ނުވާ ހިތްހަމަޖެހުމާއި އަދި ފުރިހަމަ އުންމީދު އަހަރެމެންނަށް ދެއްވިއެވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙާއި އަދި މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު ތިޔަބައިމީހުންނަށް ހިތްވަރު ދެއްވާ، އަބަދުވެސް ހެޔޮ އަމަލު ކުރުމަށާއި ހެޔޮބަސްތައް ބުނުން މަތީގައި ދެމި ތިބުމުގައި އެހީތެރިވެ ދެއްވާށިއެވެ.
އެކަމަކު އީސާގެފާނަކީ އެއްވެސް އުނިކަމެއް ފާފައެއް ނުވާ ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ދާއިމީ ރޫޙުފުޅުން މާތްރަސްކަލާނގެއަށް މާފުރިހަމަ ޤުރުބާނީއެއް ވެދުން ކުރައްވާފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުން އެ އޮހުރުނު ލޭފޮދުގެ ބާރުފުޅު ގަދައީ އެހެންވެއެވެ. އަހަރެމެން މަރާ ދިމާއަށް ދާންޖެހޭ ފަދަ ކަންތަކުން އަހަރެމެންގެ ޒަމީރުތައް ސާފުވެ، ދިރިދެމި ވޮޑިގެންވާ ކަލާނގެއަށް އަޅުކަން ކުރުން މަތީގައި މިއަދު ދެމިތިބެވޭނެ ގޮތް މެދުވެރިވެފައި މިވަނީ ވެސް އެހެންވެއެވެ.
އޭ ބޭވަފާތެރިންނޭވެ! މާތްރަސްކަލާނގެ އާއި އެކަލާނގެ އެންގެވި މަގުން އުޅެމުން ނުދާ ދުނިޔެވީ އުފަލަށް ލޯބިކުރާ މީހުން ފަދައިން ކަލޭމެން ވެސް ޙަޔާތު ވޭތުކުރުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައެވެ. މި ދުނިޔަވީ އުސޫލުތަކުގައި ކަލޭމެން ޝާމިލުވުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައި ވެސްމެއެވެ.
އަލްމަސީޙު އަހަރެމެންގެ ފާފަތަކަށްޓަކައި ވޭން އުފުއްލަވައި އެންމެ ފަހަރަކު އަވަހާރަވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ފާފަވެރިންނަށްޓަކައެވެ. އެއީ ރައްކާތެރިކަމާއެކު މާތްރަސްކަލާނގެ ޙަޟްރަތަށް އަހަރެމެން ގެންގޮސް ދިނުމަށެވެ. އެކަލޭގެފާނު ވޭން އުފުއްލެވީ ޖިސްމާނީ ގޮތުންނެވެ. ނަމަވެސް އެކަލޭގެފާނު އަލުން އަނބުރާ ދިރިދުނިޔެއަށް ވަޑައިގެންނެވުމަށް ފަހު ރޫޙާނީ ޙަޔާތެއްގައި ވިއެވެ.
އެބައިމީހުން އާ ސަނާގެ ލަވައެއް ކިޔެވެ: ”ފޮތް ނެގުމަށް އެކަށީގެން ވަނީ ކަލޭގެފާނު. އަދި ސިލު ކަނޑާލުމަށް ވެސްމެ. ކަލޭގެފާނު ވީ ގަތުލު ކުރެވިފަ. އަދި ކަލޭގެފާނު އަވަހާރަވެ ވަޑައިގެން ޤުރުބާންވި، އަދި ކަލޭގެފާނުގެ ލެއިން ކަލޭގެފާނު މާތްކަލާނގެއަށްޓަކައި މީހުން ގަނެދެއްވައިފީމު. އޭގެތެރޭގައި އެންމެހައި ޤަބީލާތަކުންނާއި، ބަހުރުވަތަކުންނާއި، ނަސްލުތަކުންނާއި، ޤައުމުތަކުން އައި މީހުން ހިމެނޭ.
މިއަށް ފަހު، އެތަނުގައި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައިވާ ތަން އަހަރެން ދުށީމެވެ. އެއްވެސް މީހަކަށް އެތަނުގައި ތިބި މީސްތަކުން ގުނައި އަދަދު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ! އެބައިމީހުންނީ އެންމެހާ ޤައުމުތަކުންނާއި ޤަބީލާއަކުންނާއި ނަސްލުތަކުންނާއި ބަހުރުވަތަކުން އައިސްތިބި މީހުންނެވެ. އަދި އެބައިމީހުން ތިބީ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތާއި އަދި ޅަކަންބަޅީގެ ކުރިފުޅުމަތީގައި ކޮއްޅަށެވެ. އެމީހުން ލައިގެން ތިބީ ހުދު ކުލައިގެ ރިދާތަކެވެ. އަދި އެބައިމީހުންގެ އަތުން ކަދުރު ރުކުގެ ފަންތައް ހިފަހައްޓައިގެން ތިއްބެވެ.