1 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކުރީގެ ހިލަފޮތި ގޮތަށް ދެ ހިލަފޮތި ހަދާ. ކަލޭ ތަޅާލި ހިލަ ފޮތީގައި އަހަރެން ލިއުނު ބަސްތައް އަލުން ލިއެދޭނަން.
ދެން މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވިއެވެ. ”ފަރުބަދައަށް އަރައިގެން އަހަރެންގެ ކައިރިއަށް އާދޭ! އައިސް އެތާނ މަޑު ކުރޭ. އެމީހުންނަށް އެންގުމަށް އަހަރެން ލިޔެވިފައިވާ އަމުރުތައް ހުރި ހިލަފޮތި ދޭނަން.“
މާތްކަލާނގެ ޠޫރުސީނާ މަތީގައި މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވައި ނިންމެވުމަށް ފަހު އެކަލޭގެފާނުގެ އަތްޕުޅަށް ދެހިލަކޮޅު ދެއްވިއެވެ. އޭގައި ވަނީ އެކަލާނގެ އިޤުރާރުފުޅު ސީދާ އެކަލާނގެ އަމިއްލަފުޅަށް ލިޔުއްވާފައެވެ.
މި ހިލަ ފޮތިތަކުގައި ވާ ލިޔުމަކީ ސީދާ މާތްކަލާނގެ އަތްޕުޅުން ލިޔުއްވައިފައިވާ އަމުރުފުޅުތަކެކެވެ.
އެބޭކަލުން ފޭލިގެތަކާ ހަމަޔަށް ވަޑައިގެން ބެއްލެވި އިރު މީސްތަކުން ގެރިއެއްގެ ކުރިމަތީގައި ނަށަން ތިބިތަން ފެނި ވަޑައިގެން އެކަލޭގެފާނުގެ ގާތަށް އަލިފާންފަދަ ކޯފާއެއް އަތުވެއްޖެއެވެ. އެއާއެކު އެކަލޭގެފާނު ގެންނެވި ހިލަފޮތިތައް ބިމާލާ ޖައްސަވައި ފަރުބަދައިގެ ބުޑަށް ފުނޑުފުނޑު ކޮށްލައްވައިފިއެވެ.
މޫސާގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި އެ ފަރުބަދަމަތީ ސާޅީސްރޭ ސާޅީސް ދުވަސް ވަންދެން ހުންނެވިއެވެ. އެހުރިހާ ދުވަހު އެކަލޭގެފާނު އެއްޗެއް ފަރީއްކުޅުއްވައި ފެންފޮދު ހިއްޕަވައެއް ނަހައްދަވައެވެ. އެކަލޭގެފާނު އެ ހިލަކޮޅުތަކުގައި ޢަހުދުނާމާގެ އެއްބަސްވުން ލިޔުއްވިއެވެ. އެއީ ދިހަ އަމުރުފުޅެވެ.
ދެން މޫސާގެފާނު ދެ ހިލަގަނޑު ކޮށައިގެން ކުރީގެ ހިލަކޮޅުތައް ފަދައިން ތައްޔާރު ކުރައްވައިފިއެވެ. އަދި މާތްރަސްކަލާނގެ އެންގެވި ފަދައިން އެ ދެ ހިލަކޮޅު ހިއްޕަވައިގެން ހެނދުނުހެނދުނާ ޠޫރުސީނާ ފަރުބަދައަށް އަރާ ވަޑައިގެންފިއެވެ.