އެފޭސުސްގެ މަސީޙީންނަށް ސިޓީ 6:6 - ކިތާބުލް މުޤައްދަސާ6 ސާހިބުންނަށް ތިޔަބައިމީހުން ކިޔަމަންތެރިކަން އަދާކުރަންވީ ތިޔަބައިމީހުން ކުރާ މަސައްކަތް އެބައިމީހުން ބަލައި ތަޢުރީފުކުރާ ހިނދުގައި އެކަންޏެއްނޫނެވެ. ނަމަވެސް ތިޔަބައިމީހުން ކުރާ މަސައްކަތްތައް މުޅިހިތުން މާތްރަސްކަލާނގެ އެދިވޮޑިންނަވާ ފަދައިން ކުރާށެވެ. ސަބަބަކީ ތިޔަބައިމީހުންނަކީ އަލްމަސީޙުގެ ޚާދިމުން ކަމުގައިވުމުންނެވެ. အခန်းကိုကြည့်ပါ။ |
މާގޭ އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! ތިޔަބައިމީހުންނާއި އެކުގައި އަހަރެން ވީހިނދުގައި މާތްރަސްކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންތެރި ވިއެވެ. ހަމައެފަދައިން ތިޔަބައިމީހުންނާއި ދުރުގައި އަހަރެން މި ވޭތުކުރާ ހިނދު ކިޔަމަންތެރި ކަމުގެ އިންތިހާގައި ވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ދިންނެވުން ދެއްވައި ސަލާމަތް ކޮށްދެއްވިއެވެ. އެކަމާމެދު ތިޔަބައިމީހުން ކިޔަމަންތެރިވެ، ޚާލިސްކަމާއެކު އެކަލާނގެއަށް ބިރުވެތިވެ ކުރިއަށްދާށެވެ.
ތިޔަބައިމީހުންނާއި ބެހޭ ޚަބަރުތައް އަހަރެމެންނަށް އަޑު އިވުނީއްސުރެ ތިޔަބައިމީހުންނަށްޓަކައި ދުޢާކުރުން އަހަރެމެން ހުއްޓައެއް ނުލަމެވެ. އަދި އެކަލާނގެ މާތް ރޫޙުފުޅުން ދެއްވާ ހުރިހާ ޙިކުމަތްތަކާއި ވިސްނުންތެރިކަމުން އެކަލާނގެ އެދިވޮޑިގެންވާ ކަންތައްތަކުގެ ފުރިހަމަ އިލްމު ތިޔަބައިމީހުންނަށް ދެއްވުން އެދި އަހަރެމެން މެދުނުކެނޑި ދުޢާކުރަމެވެ.
ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.
ސަބަބަކީ މާތްރަސްކަލާނގެ އަހަރެމެންނާއިމެދު ރުހިވޮޑިގަންނަވައި ހެޔޮޚަބަރުފުޅު އަހަރެމެންނާއި ޙަވާލު ކުރެއްވިއެވެ. އެހެންވީމާ، އަހަރެމެން މުޚާތަބު ކުރަނީ މީހުންގެ ރުހުން ލިބުމަކަށް އެދިގެން ނޫނެވެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދައިންނެވެ. އަދި އަހަރެމެންގެ ހިތްތަކުގެ މަގުސަދު ފައިސަލާ ކުރައްވާނެ ފަރާތަކީ މާތްރަސްކަލާނގެއެވެ.
އަހަރެންގެ ދުޢާއަކީ އަހަރެމެން އެންމެންގެ ކިބައިގައި އެ މަތިވެރި ކަލާނގެ ރުހިވޮޑިގެންވާނެ ފަދަ ހެޔޮކަންތައް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ލެއްވުމެވެ. އީސާގެފާނު މެދުވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ފަދައިން ކަންތައް ކުރެވޭނެ ގޮތް އަހަރެމެންގެ ކިބައިގައި ލައްވާށިއެވެ. ހުރިހާ ވެސް ޖަލާލަތުކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!