އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:1 - ކިތާބުލް މުޤައްދަސާ1 މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންފަދައިން އެދެވޭ ގޮތުގައި ޙަޔާތާއިގެން ކުރިއަށް ދިއުމަށް މާތްސާހިބާގެ ގައިދީއެއްގެ ގޮތުން އަހަރެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ. အခန်းကိုကြည့်ပါ။ |
ދެން އެއަށް ފަހު ޖުދެއާ އާއި ގަލީލީ އާއި އަދި ސަމީރިއްޔާގައި އުޅުނު އީސާގެފާނަށް އީމާންވާ މީހުންނަށް އަމާންކަން ލިބުނެވެ. އެމީހުން އީސާގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް ހުރިހާ ކަމެއް ވެސް ކޮށް އެމީހުންގެ ދިރިއުޅުމުން އެކަލޭގެފާނުގެ ބަސްފުޅުތަކުގެ މިސާލު ދައްކާ އަޅުކަންކޮށް އުޅުނެވެ. އަދި މާތްރޫޙުފުޅު އެމީހުންނަށް ވާގި ދެއްވާ އެހީތެރިވެ ދެއްވަމުން ދިޔައެވެ. އަދި އެމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ.
އަލްމަސީޙަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ.
މި ހިނދު، އަހަރެންނަށް ދެވުނަސް އަދި ނުދެވުނަސް އެންމެ މުހިންމު ކަމަކީ ތިޔަބައިމީހުންގެ ދިރިއުޅުން އިންޖީލުގައި އަލްމަސީޙު އެދިވަޑައިގަންނަވާ ގޮތަށް ބިނާ ކުރުމެވެ. އޭރުން ތިޔަބައިމީހުން އެއްބައިވަންތަ ކަމާއެކުގައި ފުރިހަމައަށް ގާއިމުވެ ތިބެ ކުރިޔަށް ދިޔައީ އިންޖީލުގައި އަލްމަސީޙު އެންގެވި މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެންއެކީގައި އީމާންތެރިކަމުގެ ރޫޙުގައި ހިތްވަރު ކުރަމުން ދާ ކަން އަހަރެންނަށް އެނގޭނެއެވެ.
ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.
އަހަރެމެން ތިޔަބައިމީހުންނަށް ހިތްވަރު ދިނީމުއެވެ. އަހަރެމެން ތިޔަބައިމީހުން ހިތްހަމަ ޖައްސައިދިނީމުއެވެ. އަދި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތް ވޭތު ކުރުމުގައި ވުމަށް ކެނޑިނޭޅި އެދުނީމެވެ. އެކަލާނގެ ރަސްކަންފުޅާއި އެކަލާނގެ މަތިވެރިކަމުގައި ތިޔަބައިމީހުން ޙިއްސާކުރުމަށް އެކަލާނގެ އެދިވޮޑިގަންނަވައެވެ.
އެހެންވީމާ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ފަރާތްތަކުގެ ތެރޭގައި ތިޔަބައިމީހުންނީ އެކަށީގެންވާ ބައެއްގެ ގޮތުގައި ލެއްވުމަށް އެދި އަހަރެމެން އެކަލާނގެ ކިބަފުޅަށް ދުޢާ ކުރުމުގައި ވަމެވެ. ތިޔަބައިމީހުން ކުރުމަށް އެދޭ އެންމެހާ ހެޔޮ އަމަލުތަކެއް ކުރުމަށް މާތްރަސްކަލާނގެ އެކަލާނގެ ބާރުފުޅުގެ އެހީތެރިކަން ދެއްވާށިއެވެ. އަދި ތިޔަބައިމީހުންގެ އީމާންތެރިކަމާއި އެއްގޮތްވާ ގޮތުގެ މަތިން ކުރާ އަމަލުތަކެއް ފުރިހަމަ ކުރުމުގައި އެހީތެރި ވުމަށް ވެސް އެދި ދުޢާކުރަމެވެ.
އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވައި އެކަލާނގެއަށް މުޤައްދަސް ބައެއްގެ ގޮތުގައި އަހަރެމެން ލެއްވިއެވެ. އެއީ ފަހަރެއްގައި ވެސް އަހަރެމެންގެ އަމަލުތައް ހުރި ގޮތަކުން ނޫނެވެ. ނަމަވެސް އެކަލާނގެ އަމިއްލަ މަގުސަދަށްޓަކައި ލެއްވި މަތިވެރި ނިޢުމަތްފުޅެކެވެ. މި ނިޢުމަތްފުޅަކީ އީސާ އަލްމަސީޙު މެދުވެރި ކުރައްވާ ދުނިޔެ އުފެއްދެވުމުގެ ކުރިން އެކަލާނގެ އަހަރެމެންނަށް ދެއްވި މަތިވެރި ނިޢުމަތެކެވެ.
އަހަރެންގެ ދުޢާއަކީ އަހަރެމެން އެންމެންގެ ކިބައިގައި އެ މަތިވެރި ކަލާނގެ ރުހިވޮޑިގެންވާނެ ފަދަ ހެޔޮކަންތައް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ލެއްވުމެވެ. އީސާގެފާނު މެދުވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ފަދައިން ކަންތައް ކުރެވޭނެ ގޮތް އަހަރެމެންގެ ކިބައިގައި ލައްވާށިއެވެ. ހުރިހާ ވެސް ޖަލާލަތުކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!
އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.
މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިދުނިޔޭގައި ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައި ވީ ބައެކެވެ. އެހެންވީމާ، ޖިސްމާނީ ފާހިޝް ހުރިހާ އެދުންތަކުން ދުރުހެލިވެ ތިބުމަށް އަހަރެން ތިޔަބައިމީހުންނަށް އެދެމެވެ. ސަބަބަކީ ތިޔަބައިމީހުންގެ ފުރާނައާއި ދެކޮޅަށް އެފަދަ ކަންތައްތައް ހަނގުރާމަ ކުރާނެކަމެވެ.
ތިޔަބައިމީހުންނާއިމެދު އިހާނެތިކޮށް އަމަލުކުރި ފަރާތްތަކާ މެދު ބަދަލު ނުހިފާށެވެ. އަދި ތިޔަބައިމީހުންނާއި މެދު ބަދުބަސް ބުނާނެ ފަރާތްތަކާމެދުގައި ވެސް ބަދަލު ނުހިފާށެވެ. އޭގެ ބަދަލުގައި އެބައިމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދަންނަވާށެވެ. އެހެނީ ތިޔަބައިމީހުންނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވައެވެ.
ތިޔަބައިމީހުންނާއި މެދު މާތްރަސްކަލާނގެ އޯގާވަންތަވެ ވޮޑިގަންނަވާ އެކަލާނގެ ނިމުމެއްނުވާ ޖަލާލަތުގައި ބައިވެރިވުމަށް އަލްމަސީޙު މެދުވެރި ކުރައްވާ ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވައެވެ. ތިޔަބައިމީހުން ހިނދު ކޮޅަކަށް ވޭން އުފުލި ކަމުގައިވިޔަސް އެކަލާނގެ ތިޔަބައިމީހުންނާއި އެކުގައިވެ ހިތްވަރު ދީ ތިޔަބައިމީހުންނަށް ވާގިދެއްވައެވެ. އަދި ފުރިހަމަ ބިންގަލެއްގެމަތީގައި ތިޔަބައިމީހުން ގާއިމު ކުރައްވައެވެ.
އަހަރެމެންނަށް ފުރިހަމަ ގޮތުގައި އީސާގެފާނު އެނގިގެންވުމުން އެކަލޭގެފާނުގެ އިލާހީ ކުޅަދުންވަންތަކަމުން މާތްރަސްކަލާނގެ މަގުގައި ޙަޔާތް ވޭތުކުރުމާއި އެކަލާނގެއަށް ޚިދުމަތް ކުރުމުގައި ބޭނުންވާނޭ އެންމެހާ ތަކެއްޗެއް އަހަރެމެންނަށް ދެއްވިއެވެ. އެކަލޭގެފާނު އަހަރެމެންނަށް ދަޢުވަތު ދެއްވީ އެކަލޭގެފާނުގެ ޢަޖާއިބެއްފަދަ ޖަލާލަތުކަމާއި ހެޔޮކަމުގައި އަހަރެމެން ވެސް ޙިއްސާ ވުމަށެވެ.