ކުލޫއްސީގެ މަސީޙީންނަށް ސިޓީ 3:11 - ކިތާބުލް މުޤައްދަސާ11 މި އާ ޙަޔާތުގައި އެއްވެސް މީހަކު އަނެކާއަށްވުރެ މަތިވެރިއެއް ނޫނެވެ. އެއީ ޚިތާނު ކުރެވިފައިވާ މީހެއް ކަމުގައި ވިޔަސް، ނުވަތަ ޚިތާނު ނުކުރެވި ހުރި މީހެއްކަމުގައި ވިޔަސް، ނުވަތަ ބަނީއިސްރާއީލީއަކު ކަމުގައި ވިޔަސް، ނުވަތަ ޣައިރު ބަނީއިސްރާއީލީއަކު ކަމުގައިވިޔަސް އަދި ތަރައްޤީނުވާ މީހަކު ނުވަތަ ނާތަހުޒީބު މީހަކު ނުވަތަ އަޅަކު ނުވަތަ މިނިވަނަކު ވިޔަސްމެއެވެ. ހުރިހާ އެންމެންނަށްވުރެ އެންމެ މުހިންމީ އީސާއަލްމަސީޙުއެވެ. އެކަލޭގެފާނު ތިޔަ އެންމެންގެ ކިބައިގައި ވެއެވެ. အခန်းကိုကြည့်ပါ။ |
އަޅުގަނޑު ވަނީ އެމީހުންގެ ކިބައިގައި. އިނބަރަސްކަލާނގެ ވަނީ އަޅުގަނޑުގެ ކިބައިގައި. އެހެންކަމުން އެމީހުންނަކީ ވެސް ފުރިހަމަ އެކައްޗަކަށް ވާނެ. އެއީ އަޅުގަނޑު ދުނިޔެއަށް ފޮނުއްވީ އިނބަރަސްކަލާނގެ ކަން ދުނިޔެއަށް އެނގޭނެ ގޮތް މެދުވެރި ވުމަށްޓަކައި. އަދި އެމީހުން ދެކެވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ވާ ފަދަ ލޯތްބެއް ވާކަން އެނގި ފާޅުވުމަށްޓަކައި.
މިހާރު އަހަންނަކީ ކުރީގައި އުޅުނު މީހާއެއް ނޫން. އަހަރެންގެ ކިބައިގައި ދިރި މިވަނީ އީސާގެފާނު. އަހަރެން މިދިރިއުޅެނީ އެކަލޭގެފާނުގެ މައްޗަށް އޮތް އީމާންކަމެއްގެ ބާރުގައި. އެ ދިރިހުރުމަކީ އަހަރެން ދެކެ ނުހަނު ލޯބިފުޅުވާ މާތްކަލާނގެ ދަރިކަލުން އަހަންނަށްޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ޤުރުބާން ކުރައްވައިގެން ދެއްވި ދިރިހުރުމެއް.
އަދި އަހަރެމެން އީސާގެފާނަށް އީމާންވުމުން، އަހަރެމެންނަކީ، ޚިތާނު ކުރެވިފައި، ނުވަތަ ނުކުރެވިވާ ބަޔަކުތޯއެއް މާތްރަސްކަލާނގެ ނުބައްލަވައެވެ. އެއީއަކީ އެކަލާނގެ ކިބަފުޅަށް އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ކަލޭމެން މީހުންދެކެ ވާލޯބީގެ ސަބަބުން، ކަލޭމެންގެ ކިބައިގައިވާ އީމާންތެރިކަން، ފާޅުވެ އެނގި ފެނިގެން ދިއުމެވެ.
ބަނީއިސްރާއީލުގެ ދަރިކޮޅާއި އަދި ބަނީއިސްރާއީލު ދަރިކޮޅުނޫން ފަރާތްތަކާ ދެމެދު އަލްމަސީޙު ސުލްޙަވެރިކަން ގެނެސްދެއްވިއެވެ. އަދި އަހަރެމެން ދެފަރާތުގެ ދެމެދުގައި އޮތް ޒަމާންވީ ހަތުރުވެރިކަމުގެ ހުރަސް ނެތިކުރައްވާ އަހަރެމެން އެއްބަޔަކު އަނެއްބަޔަކާ ދެމެދު އެއްބައިވަންތަކުރުވީ އެކަލޭގެފާނު ސަލީބަށް އެރުވި އަވަހާރަވެ ދިޔުމުންނެވެ. އެހެނީ ބަނީއިސްރާއީލުންނަށް ގިނަގުނަ ގަވާއިދުތަކާއި އަމުރުތައް ތައުރާތުގައި ލިބިފައިވިއެވެ. މި ގަވާއިދުތައް ބާތިލު ކުރައްވައި ބަނީއިސްރާއީލުންނާއި އަދި ބަނީއިސްރާއީލު ނޫން ވަންހަތަކަކީ އެކަލޭގެފާނާއި އެއްބައިވަންތަ ކަމުގެ ގުޅުމުގައި ވުމުން އެއްބައެއް ކަމުގައި ހައްދަވައި ސުލްޙަވެރިކަން ގެނެސްދެއްވި އެވެ.
މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.
އަލްމަސީޙުގެ އުނގަންނަވައި ދެއްވުން ފަހަނައަޅައި މިސްރާބެއްނެތި ހިނގައްޖެ ކަމުގައިވާނަމަ، މާތްރަސްކަލާނގެ އާއި ތިޔަބައިމީހުންނާއި ދެމެދުގައިވާ ގުޅުން ގެއްލި ދާނެއެވެ. ނަމަވެސް އަލްމަސީޙު އުނގަންނަވައި ދެއްވި ކަންތަކުގައި ތިޔަބައިމީހުން ހިފަހައްޓައި ގާއިމުވެ ތިބެއްޖެނަމަ މަތިވެރި ބައްޕާފުޅާއި ދަރިކަލުން ތިޔަބައިމީހުންނާއި އެކު ވޮޑިގެންވާނެއެވެ.