މަންދޫބުންގެ މަސައްކަތް 2:22 - ކިތާބުލް މުޤައްދަސާ22 އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ. အခန်းကိုကြည့်ပါ။ |
އެއްރެއަކު ނިކޮދޭމު އީސާގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު. ކަލޭގެފާނަކީ އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށް މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ކަލޭގެފާނާއި އެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން ތިޔަ ދައްކަވާ މުޢުޖިޒާތްތަކުން ވެސް ހާމަވެ އެނގޭ. އެއީ އެހެން ނޫން ނަމަ އެއްވެސް މީހަކަށް ތިޔަ ފަދަ މުޢުޖިޒާތްތަކެއް ނުދެއްކޭނެ.“
ނަމަވެސް ޔަޙުޔާގެފާނު ވިދާޅުވި ބަސްފުޅުތަކަށް ވުރެވެސް މާ މުހިންމު ހެއްކެއް އަހަރެންގެ ފަރާތުގައިވޭ. އެއީ އަހަރެން ދަސްކޮށްދެމުން މިދާ ކަންތަކާއި ދައްކަމުން މި ގެންދާ މުޢުޖިޒާތްތައް. އަދި އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ކުރުމަށް އެންގެވި ކަންތައްތައް އަހަރެން ކޮށް ނިންމުން. މިކަންތައްތަކުގެ ސަބަބުން އަހަރެން ފޮނުއްވީ ބައްޕާފުޅުކަން ސާބިތު ކޮށްދޭ.
ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.“
ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުއަށް އެނބުރި އައިސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތް އެއްކޮށް އެމީހުންގެ އެދަތުރުގައި ކަންތައްތައް ވީ ގޮތުގެ ހުރިހާ ވާހަކައެއް އެމީހުންނަށް ކިޔާދިނެވެ. މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތުގައި އެކަލާނގެ އީމާންކަން ލެއްވި ގޮތުގެ ވާހަކަތައް ކިޔާދީ ބަޔާން ކޮށްދިނެވެ.
ދެން އެމީހުން ބުންޏެވެ. ”ބަނީއިސްރާއީލު މީހުންނޭ، އަހަރެމެންނަށް އެހީވެދީ. މިމީހާއަކީ ހުރިހާ ތަނެއްގައި އަހަރެމެންނާ އަހަރެމެންގެ ދީނީ ގަވާއިދުތަކާ އަދި އަހަރެމެންގެ ހުރުމަތް ތެރި ބައިތުލް މަޤްދިސް އާއި ދެކޮޅަށް މީސްތަކުންނާ ވާހަކަދައްކަމުން ދާ މީހެއް. އަދި މިހާރު ބައިތުލް މަޤްދިސް ނުތާހިރު ކުރުމަށް އޭނާ ކާފަރުންގެ ބަޔަކު ވެސް ގެނެސް އެ ޙުރުމަތްތެރި ހަރަމް ފުޅަށް އެ ވެއްދީ.“
ޕަތަރަސްއަށް މީހުންތައް އެތަނަށް އެއްވެފައިވާ ތަން ފެނުމުން އެމީހުންނާއި މުޚާޠަބުކޮށް ބުންޏެވެ. ”އެކުވެރިންނޭ، މިތަންދެކެ ކަލޭމެން ތިޔަހާ ބޮޑަށް ތިޔަ އަޖައިބުވެ ހައިރާންވީ ކީއްވެ؟ ކަލޭމެން އަހަރެމެންނާއި ދިމާއަށް ތިބާލާ ގޮތުން ހީވަނީ މިކަންތައްތައް މިވީ އަހަރެމެންގެ މޮޅުކަމުން ނުވަތަ އަހަރެމެންގެ ރަނގަޅުކަމުން ހެން.
ވީއިރު އަހާ. އަޅުގަނޑުމެން ބަނީއިސްރާއީލުގެ އެންމެންނަށް ހާމަކޮށް އަންގަން. އޭނާ ރަނގަޅުވީ ނާޒަރަތުގެ ރަށްވެއްސެއް ކަމުގައި ވީ އީސާ އަލްމަސީޙުގެ ބާރުފުޅުން. ކަލޭމެން އެކަލޭގެފާނު ސަލީބަކަށް ނަގާ މަރާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. މި ވާވެފައިވީ ނުހިނގޭ މީހާ މުޅިން ރަނގަޅުވެ މިއަދު ތިޔަ އެންމެ ހާ މީސްތަކުންގެ ކުރިމަތީ ކޮޅަށް މިހިރީ އީސާގެފާނުގެ ބާރުފުޅުން.