އެ ހިނދު ޖައިރުސްއޭ ކިޔުނު ދީނީ މަރުކަޒުގެ ވެރިއަކު އެތަނަށް އައެވެ. އޭނާއަށް އީސާގެފާނު ފެނުމާއެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އަދަބުވެރިކަމާއެކު އެކަލޭގެފާނަށް އާދޭސް ދެންނެވިއެވެ. ”އަޅުގަނޑުގެ އަންހެންދަރިފުޅު ވަނީ މަރުގެ ތުންފަތްމަތީގަ. އާދޭސްކޮށް ދަންނަވަން. އަޅުގަނޑާއެކުގައި ހިންގަވާ. އަދި ކަލޭގެފާނުގެ އަތްޕުޅު އޭނާގެ ގައިގައި ބީއްސަވާލެއްވުމުން އެކަނބުލޮގެ ބަލި ފަސޭހަވެ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!“