ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 1:10 - ކިތާބުލް މުޤައްދަސާ10 މިކަންތައް ހިނގައިދާނީ މާތްސާހިބާ އެކަލޭގެފާނަށް އީމާންވެގެންތިބި ހުރިހާ މީހުން ކަމަށްވާ އެކަލާނގެ މީހުންގެ ފަރާތުން އެކަލޭގެފާނަށް ޤަދަރާއި ޖަލާލަތާއި ޙަމްދު ސަނާ ލިބިގަތުމަށް ވަޑައިގަންނަވާ ދުވަހުއެވެ. އެބައިމީހުންގެ ތެރޭގައި ތިޔަބައި މީހުންވެސް ހިމެނިގެން ވާނެއެވެ. އެއީ އެކަލޭގެފާނާއި ބެހޭގޮތުން އަހަރެމެން ދިން ރިސާލަތު ތިޔަބައިމީހުން ގަބޫލުކުރި ކަމުންނެވެ. အခန်းကိုကြည့်ပါ။ |
ޤިޔާމަތް ދުވަހުގައި ގިނަބަޔަކު އަހަރެން ގާތު ބުނާނެ، ’މާތްސާހިބާ، މާތްސާހިބާ، ކަލޭގެފާނުގެ ނަންފުޅުގައި ތިމަންމެން ޣައިބު ބަސްތައް ނީއްވަންތޯއޭ، އަދި ކަލޭގެފާނުގެ ނަންފުޅުގައި ތިމަންމެން މީހުންގެ ހަށިގަނޑުން ޖިންނިތައް ބޭރު ނުކުރަންތޯއޭ، އަދި ކަލޭގެފާނުގެ ނަންފުޅުގައި ގިނަގުނަ މުޢުޖިޒާތްތައް ތިމަންމެން ނުދައްކަމުތޯ އޭ.‘
ތިޔަބައިމީހުންގެ ހިތްއަލިކުރެއްވުން އެދި އަހަރެން ދުޢާ ދަންނަވަމެވެ. އޭރުން އެކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކަށް ދެއްވުމަށް އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި އުންމީދަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގިގެންވާނެއެވެ. އަދި އެކަލާނގެ މުޤައްދަސްކުރެއްވި ފަރާތްތަކަށް އެކަލާނގެ ދެއްވާ ތަރިކައިގެ މަތިވެރިކަމާއި މުއްސަނދިކަން ތިޔަބައިމީހުންނަށް ވިސްނޭނެއެވެ.
އަދި މިހުރިހާ ކަމެއް ގެނެސްދެނީ އެކަލާނގެއަށްޓަކައި އަހަރެމެން ޙަމްދާއި ސަނާ ކިޔުމަށެވެ. ސަބަބަކީ އަހަރެމެންނަށްޓަކައި އެކަލާނގެ ލެއްވި ޙައިރާން ކުރުވަނިވި ނިޢުމަތްފުޅެވެ. އެ ނިޢުމަތްފުޅު އެކަލާނގެ އަހަރެމެންނަށް ދެއްވީ އަގަކާއިނުލައެވެ. އެއީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ދަރިކަލުން، އަލްމަސީޙު މެދުވެރިކުރައްވައެވެ.
ސަބަބަކީ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިނީ ހަމައެކަނި ބަސްތަކަކުން ނޫން ކަމުންނެވެ. ނަމަވެސް ބާރާއި އެކުގައި ވެސްމެއެވެ. އެހެނީ އަހަރެމެން ފުރިހަމައަށް ބުނެދިން ތަކެއްޗަކީ ޙައްޤު ތެދުކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުންނެވެ. ތިޔަބައިމީހުންގެ ތެރޭގައި އަހަރެން ވޭތުކުރި ދުވަސްތަކުގައި އަހަރެމެންގެ އަމަލުތައް ހުރި ގޮތުން ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިން އެ ހެޔޮޚަބަރުފުޅުގެ ތެދުކަންވަނީ ސާބިތު ކުރެވިފައެވެ.
އަހަރެމެން ތިޔަބައިމީހުންނަށް ހިތްވަރު ދިނީމުއެވެ. އަހަރެމެން ތިޔަބައިމީހުން ހިތްހަމަ ޖައްސައިދިނީމުއެވެ. އަދި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތް ވޭތު ކުރުމުގައި ވުމަށް ކެނޑިނޭޅި އެދުނީމެވެ. އެކަލާނގެ ރަސްކަންފުޅާއި އެކަލާނގެ މަތިވެރިކަމުގައި ތިޔަބައިމީހުން ޙިއްސާކުރުމަށް އެކަލާނގެ އެދިވޮޑިގަންނަވައެވެ.
އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ.
އޭރުން ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ދާ ގޮތުގެ ސަބަބުން މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅަށް މަތިވެރި ޝަރަފު ލިބިދެއްވާނެއެވެ. އަދި އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން ވުމުން ތިޔަބައިމީހުން ވެސް ޝަރަފްވެރި ވާނެއެވެ. މި ހުރިހާ ކަމެއް ޙާސިލުވުމުގެ ސަބަބަކީ އަހަރެމެންގެ ރަސްކަލާނގެއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ނިޢުމަތްފުޅުން ވެސް މެއެވެ.
މާތްސާހިބާ ތިޔަބައިމީހުން ދެކެ ލޯބިވެ ވަޑައިގަންނަވާ އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުގައި އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެހެނީ ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ދެއްވުމުގައި މާތްރަސްކަލާނގެ ވަނީ ތިޔަބައިމީހުން ފުރަތަމައިން ޚިޔާރު ކުރައްވާފައެވެ. އެކަލާނގެ މާތްރޫޙުފުޅުން ތިޔަބައިމީހުން ވަނީ ޤުދުސީ ކުރައްވާފައެވެ. އަދި ތެދު ބަސްފުޅާއިމެދުގައި އީމާންވުމުން ތިޔަބައިމީހުން ވަނީ ސަލާމަތް ވެގެން ވެސް މެއެވެ.
އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.
އަދި ވޭނާއެކު މި ހުރިހާ ކަމެއް އަހަރެންނަށް ކުރިމަތި މިވަނީ މި ސަބަބަށްޓަކައެވެ. އެހެނަސް އަހަރެން ލަދުވެތި ނުވަމެވެ. އަހަރެން އިތުބާރުކުރާ ފަރާތަކީ ކޮބައިކަން އަހަރެން ދަންނަމެވެ. އެކަލޭގެފާނު އަހަންނާއި ޙަވާލު ކުރެއްވި ކަންތައް އެކަލޭގެފާނު އަލުން އަނބުރާ ވަޑައިގަންނަވާ ދުވަހާއި ހަމައަށް ރައްކާތެރި ކުރައްވާނެކަން އަހަންނަށް ކަށަވަރުވެއެވެ.
މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.
ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.