ޕަތަރަސްގެ ދެވަނަ ސިޓީ 1:16 - ކިތާބުލް މުޤައްދަސާ16 މާތްސާހިބާ އީސާ އަލްމަސީޙުގެ ކުޅެދުންތެރިކަމުގެ ވާހަކަ އާއި އެކަލޭގެފާނު އެނބުރި ވަޑައިގަތުމާއިމެދު އަހަރެމެން ތިޔަބައިމީހުންނަށް ބުނެދޭ ވާހަކަތަކަކީ ހަދަހަދައިގެން އަހަރެމެންގެ ޙިކުމަތުން ބުނެދޭ ވާހަކަތަކެއްނޫނެވެ. އެކަލޭގެފާނުގެ ޢިއްޒަތްވަންތަކަމުގެ ސާބިތު ހެކި އަހަރެމެންގެ ލޯތަކަށް ވަނީ ފެނިފައެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު އީސާގެފާނު ޒައިތޫނި ފަރުބަދަ މަތީގައި އިށީނދެ ވަޑައިގެން އިންނެވި ހިނދު އަސްޙާބީން އެކަހެރިވެ އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”ތިޔަ ވިދާޅުވި ކަންތައްތައް ހިނގައިދާނީ ކޮންއިރަކުތޯ؟ އަދި ކަލޭގެފާނު އެނބުރި ވަޑައިގަންނަވާ ހިނދުގައްޔާއި ދުނިޔެ ޤިޔާމަތް ވުމުގައި ފެނިގެންދާނެ އަލާމާތްތައް އަޅުގަނޑުމެންނަށް ބުނެދީފާނަންތޯ؟“
މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.
އެއްވެސް ޙާލަތެއްގައި މީސްތަކުންގެ ވަގުތުތައް ހުއްޓާނުލާ އެދައްކާ ފުލޯކު ވާހަކަތަކާއި ނަސްލީ ދަރަޖަތަކުގެ ވާހަކަތަކާއި ރޫޙާނީ ގޮތުން ވާހަކަތަކުގެ ތެރެއަށް ވަނަ ނުދޭށެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ދެބަސްވުން އުފެދި މާތްރަސްކަލާނގެ މަގުގައި އީމާންތެރި ޙަޔާތެއްގައި ވުމަށް މީސްތަކުންނަކަށް އެހީތެރިވެއެއް ނުދެއެވެ.
އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުން ވަނީ ކައިރީގައެވެ.
ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.