ޕަތަރަސްގެ ފުރަތަމަ ސިޓީ 1:22 - ކިތާބުލް މުޤައްދަސާ22 މިހާރު، ތިޔަބައިމީހުންގެ ނަފްސުތައް ސާފު ތާހިރުވެގެން ވަނީ އުފާވެރި ޚަބަރުފުޅާމެދު ކިޔަމަންތެރިކަމާއެކު އިތުބާރު ކުރުމުންނެވެ. އެހެންވީމާ، ތިޔަބައިމީހުން ތެދުވެރިކަމާއެކު މަސީޙީންގެ އެކަކު އަނެކަކަށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ ބަސްފުޅު ފެތުރެމުން ދިޔައެވެ. އެތައް އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅުތައް އަހާ އެމަގުން އުޅެމުން ގެންދިޔައެވެ. ޖެރޫސަލަމުގައި ވެސް އެބަސްފުޅުތައް ފެތުރެމުން ދިޔައެވެ. އަދި އިމާމުންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާތްސާހިބާ އީސާގެފާނުގެ ބަސްފުޅުތައް ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެން ފެށިއެވެ.
އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުވެސް އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެފަދައިން އަހަރެމެން އަމަލު ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެއީ ތިޔަބައިމީހުން އީމާންތެރިކަމުގައި ހެދިބޮޑުވެދާ ދިއުމާއި އަދި އެކަކު އަނެކަކަށް ދެމުން ދާ ލޯބި ތިޔަބައިމީހުންގެ ތެރޭގައި އިތުރުވެ ދިއުމުގެ ސަބަބުންނެވެ.
މާތްސާހިބާ ތިޔަބައިމީހުން ދެކެ ލޯބިވެ ވަޑައިގަންނަވާ އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުގައި އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެހެނީ ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ދެއްވުމުގައި މާތްރަސްކަލާނގެ ވަނީ ތިޔަބައިމީހުން ފުރަތަމައިން ޚިޔާރު ކުރައްވާފައެވެ. އެކަލާނގެ މާތްރޫޙުފުޅުން ތިޔަބައިމީހުން ވަނީ ޤުދުސީ ކުރައްވާފައެވެ. އަދި ތެދު ބަސްފުޅާއިމެދުގައި އީމާންވުމުން ތިޔަބައިމީހުން ވަނީ ސަލާމަތް ވެގެން ވެސް މެއެވެ.
އިބްރާހީމްގެފާނު އީމާންތެރިވެ މާތްރަސްކަލާނގެއަށް ކިޔަމަންތެރިވެ ވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ އެންގެވި ބިމަށް ދިއުމަށް އެކަލޭގެފާނު ނުކުމެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަމިއްލަ ރަށް ދޫކުރައްވައި ވަޑައިގެންނެވީ ދުވަހަކު ވެސް ދެކެވަޑައިގެންފައި ނުވާ ތަނަކާ ދިމާއަށެވެ. އެކަލޭގެފާނު މި ދަތުރު ކުރައްވަން ފެއްޓެވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ.
އެކަމަކު އީސާގެފާނަކީ އެއްވެސް އުނިކަމެއް ފާފައެއް ނުވާ ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ދާއިމީ ރޫޙުފުޅުން މާތްރަސްކަލާނގެއަށް މާފުރިހަމަ ޤުރުބާނީއެއް ވެދުން ކުރައްވާފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުން އެ އޮހުރުނު ލޭފޮދުގެ ބާރުފުޅު ގަދައީ އެހެންވެއެވެ. އަހަރެމެން މަރާ ދިމާއަށް ދާންޖެހޭ ފަދަ ކަންތަކުން އަހަރެމެންގެ ޒަމީރުތައް ސާފުވެ، ދިރިދެމި ވޮޑިގެންވާ ކަލާނގެއަށް އަޅުކަން ކުރުން މަތީގައި މިއަދު ދެމިތިބެވޭނެ ގޮތް މެދުވެރިވެފައި މިވަނީ ވެސް އެހެންވެއެވެ.
އެންމެ ކުރީއްސުރެން މާތްރަސްކަލާނގެ، ބައްޕާފުޅަށް ތިޔަބައިމީހުން އެނގިވޮޑިގެންވުމާއެކު އެކަލާނގެ ވަނީ ތިޔަބައިމީހުން ޚިޔާރު ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ މަގުސަދަށްޓަކައި މާތްރޫޙުފުޅު މެދުވެރިކުރައްވައި ތިޔަބައިމީހުން މާތްކުރައްވާފައި ވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިޔަބައިމީހުން ވަނީ އެކަލޭގެފާނުގެ ލޭފޮދުން ތާހިރުކުރެވިފައެވެ. އަދި ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަށް ކިޔަމަންތެރިވެ އެގޮތުގެ މަތީގައެވެ. ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާށިއެވެ!
އިޚުލާސްތެރި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެކަކު އަނެކަކުދެކެ ލޯބިވާށެވެ. އެއީ ލޯތްބަކީ މާތްރަސްކަލާނގެ ޙަޟްރަތުން ލިބިދޭ ކަމަކަށް ވާތީއެވެ. އެހެންވީމާ ތިޔަބައިމީހުންގެ ތެރެއިން މީހަކު އަނެކުންނާއި މެދުގައި ލޯބިވާކަމުގައި ވާނަމަ އެ މީހަކީ މާތްރަސްކަލާނގެ ދަރިއެކެވެ. އަދި އެމީހަކަށް ޙަގީގަތުގައި މާތްރަސްކަލާނގެ އެނގިގެން ވެއެވެ.