ޔޫޙަންނާގެ ފުރަތަމަ ސިޓީ 2:7 - ކިތާބުލް މުޤައްދަސާ7 މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެން ތިޔަބައިމީހުންނަށް ލިޔާ މި އަމުރުފުޅަކީ އާ އަމުރުފުޅެއްނޫނެވެ. މިއީ ތިޔަބައިމީހުންނަށް އެންމެ ކުރީގައި ވެސް ބާވައިލައްވާފައިވާ އަމުރުފުޅެކެވެ. މިއީ ތިޔަބައިމީހުންނަށް މީގެ ކުރީގައި ވެސް އަޑުއިވިފައިވާނެ އަމުރުފުޅެއް ވެސް މެއެވެ. အခန်းကိုကြည့်ပါ။ |
އަލްމަސީޙަށް ތިޔަބައިމީހުން އީމާންވި ހިނދު ތިޔަބައިމީހުންނަށް އިންޖީލުން ދަސްވި ކަންތައް ތިޔަބައިމީހުންގެ ހިތްތަކުގައި ހަރުލައްވާށެވެ. އަދި އެގޮތުގައި ތިބެ، އެ ޚަބަރުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ތިޔަބައިމީހުން އުޅެމުން ގެންދާނަމަ މަތިވެރި ބައްޕާފުޅު އަދި އެކަލާނގެ ދަރިކަލުން، އީސާގެފާނާއި އެކުގައި އެއްބައިވަންތަ ގުޅުމެއް މަތީ ތިޔަބައިމީހުން ދެމިތިބޭނެވެ.
އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! މިހާރު އަހަރެމެންނީ މާތްރަސްކަލާނގެ ދަރިންނެވެ. ފަހުން އަލްމަސީޙު މި ދުނިޔެއަށް އެނބުރި ވަޑައިގަންނަވާ ހިނދު އަހަރެމެން ދެން ވާނީ ކޮންފަދަ ބަޔަކަށް ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. ނަމަވެސް ޔަޤީންކަމާއެކު އަހަރެމެންނަށް އެނގެނީ އަލްމަސީޙު އެނބުރި މި ދުނިޔެއަށް ވަޑައިގެންނެވުމުން އަހަރެމެން އެކަލޭގެފާނާ އެއްގޮތް ވާނޭ ކަމެވެ. ސަބަބަކީ އަހަރެމެންނަށް އެކަލޭގެފާނުގެ އަސްލު ޒާތުފުޅު އޭރުން ސާފުކޮށް ފެންނާނެތީއެވެ.
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކު އުނގަންނައިދޭ ތަކެއްޗަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެހީތެރިކަމުން އުނގަންނައިދޭ ތަކެތި ކަމުގައި ބުނެ ދަޢުވާ ކުރި ކަމުގައިވިޔަސް ގަބޫލު ނުކުރާށެވެ. އެއާ ޚިލާފަށް އެމީހަކު ބުނާ އެއްޗަކަށް ސަމާލުވެ ތިބެ އިމްތިޙާނު ކުރާށެވެ. އޭރުން އެފަދަ މީހެއްގެ އުނގަންނައި ދިނުމަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން އުނގަންނައިދޭ ތަކެތި ކަން ތިޔަބައިމީހުންނަށް ޔަޤީންވާނެއެވެ. ސަބަބަކީ ދުނިޔޭގެ އެކިކަންކޮޅަށް އެތަކެއް ދޮގު ނަބިއްޔުން ގޮސް ދެމުން ގެންދާ ޚަބަރަކީ މާތްރަސްކަލާނގެ ވަޙީބަސްފުޅުކަމުގައި އެމީހުން ދައުވާ ކުރަމުން ގެންދާނެ ކަމެވެ.
އިޚުލާސްތެރި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެކަކު އަނެކަކުދެކެ ލޯބިވާށެވެ. އެއީ ލޯތްބަކީ މާތްރަސްކަލާނގެ ޙަޟްރަތުން ލިބިދޭ ކަމަކަށް ވާތީއެވެ. އެހެންވީމާ ތިޔަބައިމީހުންގެ ތެރެއިން މީހަކު އަނެކުންނާއި މެދުގައި ލޯބިވާކަމުގައި ވާނަމަ އެ މީހަކީ މާތްރަސްކަލާނގެ ދަރިއެކެވެ. އަދި އެމީހަކަށް ޙަގީގަތުގައި މާތްރަސްކަލާނގެ އެނގިގެން ވެއެވެ.