ތިމޮތީއަށް ދެވަނަ ސިޓީ 1:9 - ކިތާބުލް މުޤައްދަސާ9 އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވައި އެކަލާނގެއަށް މުޤައްދަސް ބައެއްގެ ގޮތުގައި އަހަރެމެން ލެއްވިއެވެ. އެއީ ފަހަރެއްގައި ވެސް އަހަރެމެންގެ އަމަލުތައް ހުރި ގޮތަކުން ނޫނެވެ. ނަމަވެސް އެކަލާނގެ އަމިއްލަ މަގުސަދަށްޓަކައި ލެއްވި މަތިވެރި ނިޢުމަތްފުޅެކެވެ. މި ނިޢުމަތްފުޅަކީ އީސާ އަލްމަސީޙު މެދުވެރި ކުރައްވާ ދުނިޔެ އުފެއްދެވުމުގެ ކުރިން އެކަލާނގެ އަހަރެމެންނަށް ދެއްވި މަތިވެރި ނިޢުމަތެކެވެ. See the chapter |
އެވަގުތު މާތްރޫޙުފުޅުގެ ސަބަބުން އުފަލުން ފުރިފައިވާ ހާލުގައި އީސާގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އުޑާއި ބިމުގެ ވެރި މާތްސާހިބާ! މިހުރިހާ ކަންތައްތައް ކިޔަވައިގެން ތިބި ބުއްދިވެރިންނަށް ވަންހަނާ ކުރައްވައި މި ކަންތައްތައް ތިޔަ ހާމަ ކުރެއްވީ އާދައިގެ މީހުންނަށް. ބައްޕާފުޅާ! ބައްޕާފުޅަށް ފުރިހަމަ އުފަލާއި ހިތްހަމަ ޖެހިލެއްވުން ލިއްބައިދެނީ މިފަދަ ކަންތައް ކަން އަޅުގަނޑަށް އެނގޭ.“
ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައި ވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި.
އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.
ދުނިޔެ އުފެއްދުވުމުގެ އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެކަލޭގެފާނު ޚިޔާރު ކުރެއްވީ މި މަގުސަދަށްޓަކައެވެ. ނަމަވެސް މިފަހަކަށް އައިސް މީސްތަކުންނަށް ފެނިދެނިވި ގޮތެއްގައި އެކަލޭގެފާނު ވަނީ މި ދުނިޔެއަށް ވަޑައިގަންނަވާފައެވެ. އަދި އެކަލޭގެފާނު މިފަދައިން އަމަލު ކުރެއްވީ ތިޔަބައި މީހުންނަށްޓަކައެވެ.
ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.
ތިބާއަށް މިހާރު ތިޔަ ފެންނަ ދާއްބައަކީ އެއްއިރެއްގައި ދިރިއުޅެފައިވާ، އެކަމަކު މިހާރު ދިރިނޫޅޭ އެއްޗެއް. އޭތި ފޫނެތް ފުން ވަޅުގަނޑުން އަލުން ނުކުމެގެން އަންނާނެ. އެކަމަކު އޭތި ނައްތާލެވޭނެ. ބިންމަތީގައި ތިބި އެބައެއްގެ ނަންތައް ޙަޔާތުގެ ފޮތުގައި ލިޔެވިފައި ނުވާ މީހުންނަށް، މިއީ ހައިރާންވާ ވަރުގެ ކަމެއް. އެހެނީ އެފޮތުގައި ލިޔެވިފައިވާ ނަންތަކަކީ ޚަލްޤު ކުރެއްވުމުގެ މާކުރީގައިވެސް ލިޔެވިފައިވާ ނަންތަކެއް. އެމީހުން ހައިރާންވަނީ އެއް އިރެއްގައި ދިރި އުޅެފައިވާ، އެކަމަކު މިހާރު ދިރި ނޫޅޭ ދާއްބައެއް އަލުން ދިރިގެން އަންނަތަން ފެނުމުން.